ޝަރުޢީ ޙުކުމް ތަންފީޒުކުރަމުންދާ ފަރާތްތަކާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންގެ އިންޓަރވިއުތަކާއި ބަޔާންތައް ބްރޯޑްކާސްޓްނުކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އަންގައިފިއެވެ.
އެ ކޮމިޝަނުން އަންގާރަ ދުވަހު އާންމު ކޮށްފައިވާ ސަރކިއުލަރގައި ބުނެފައި ވަނީ ޝަރުޢީ ޙުކުމެއް ތަންފީޒު ކުރަމުންދާ ފަރާތްތަކާ ބައްދަލުކޮށް، އެއްވެސް މަޢުލޫމާތެއް ހޯދައި، އެ މައުލޫމާތެއް ބޭނުންކުރަންވާނީ ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ ދަށުން ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފައިވާ "ޤައިދީންނާއި ކުށުގެ ތުހުމަތުގައި ޙައްޔަރުގައި ތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭންޖެހޭ އަސާސީ ޚިދުމަތްތަކާއި އިނާޔަތްތަކާ ބެހޭ ގަވާއިދު" އާއި "ޤައިދީންނާއި ކުށުގެ ތުހުމަތުގައި ޙައްޔަރުގައި ތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަން ޖެހޭ މީހުން ބައްދަލުކުރުމާއި ފޯނުކުރުމާއި، ސިޓީފަދަ ތަކެތި ފޮނުވުމާއި ލިބިގަތުމުގެ ގަވާއިދު" ގައިވާ ގޮތުގެ މަތިން ކަމަށެވެ.
ޙުކުމް ތަންފީޒުކުރަމުންދާ ފަރާތްތަކުގެ ނަމުގައި މިހާރަކަށް އައިސް ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ސިޔާސީ ޕާޓީތަކުންނާއި ޖަމްޢިއްޔާ ޖަމާޢަތްތަކުންނާއި އަމިއްލަ ފަރުދުން ޚަބަރުފަތުރާ ވަޞީލަތްތައް މެދުވެރިކޮށް ޤައިދީން ޕްރޮމޯޓްކޮށް ކުރިއަށް ނެރެ ޝަޙްސު އޮޅޭ ގޮތަށް ހިންގަމުން ގެންދާ ޙަރަކާތްތަކާއި ޢަމަލުތަކަކީ ޤާނޫނާއި ގަވާއިދާ ޚިލާފަށް ހިންގާ ހަރަކާތްތަކެއްކަން ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުން ތަކުރާރުކޮށް ފާހަގަކުރަމުންދާތީ، އެ ފަދަ ކޮންޓެންޓް ގެނެސްދިނުމުގައި "އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު" އާއި ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ އެއްގޮތްވާ ގޮތުގެ މަތިން ބްރޯޑްކާސްޓްކުރުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް ވަނީ އެ ސަރކިއުލާގައި އަންގާފައެވެ.
ޤާނޫނާއި ގަވާއިދާ ތަޢާރުޒުވާ ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފި ނަމަ، އެފަދަ ކޮންޓެންޓް ގެނެސްދޭ ފަރާތްތަކާ މެދު ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ވެސް ބްރޯޑްކާސްޓިންގް ކޮމިޝަނުން ވަނީ ދީފައެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން ހަރުކަށި އެންގުމެއް އަންގާފައި މި ވަނީ މިކަމާ ބެހޭ ގޮތުން ހޯމް މިނިސްޓްރީން ވެސް ބަޔާނެއް ނެރެފަ މީޑިއާތަކަށް އިންޒާރު ދީފައި ވަނިކޮށެވެ. ސަރުކާރުގެ މުއައްސަސާތަކުން މި ގޮތަށް އިންޒާރުދީފައިވާ އިރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް ވަރުގަދަ ކެމްޕެއިނެއް ކުރައްވަމުންނެވެ. އަދި އެމަނިކުފާނުގެ ބަޔާންތަކާއި ވާހަކަތައް ލައިވްކޮށް މީޑިއާތަކުން އަންނަނީ ގެނެސްދެމުންނެވެ. އެއީ ޓެރަރިޒަމް ގާނޫނުގެ ދަށުން ހުކުމެއްގައި ހުންނެވި ބޭފުޅެއް ކަމަށް ސަރުކާރުން ބުނަމުންދާއިރު އެމަނިކުފާނުގެ މައްޗަށް ހިންގާފައިވާ ޝަރީއަތް ރަނގަޅު ނޫން ކަމަށް ސުޕްރީމް ކޯޓުގެ ފުލް ބެންޗް ކަމަށްވާ ފަސް ފަނޑިޔާރުން ސޮއިކުރައްވައި 1 ފެބްރުއަރީގައި ނެރުނު އަމުރުގައި ބުނެފައި ވެއެވެ. އެހެން ކަމުން އެމަނިކުފާނަކީ މި ވަގުތު އެއްވެސް ހުކުމެއްގައި ހުންނެވި ބޭފުޅެއް ނޫން ކަމަށް އެ މަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން ގެންދަނީ ބުނަމުންނެވެ.