އުތުރު ކޮރެއާގެ ކުރީގެ އެންމެ އިސް ޖާސޫސީ އޮފިޝަލް އަދި މިހާރު ވެސް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އަރިހުގައި އިސްކޮށް އުޅުއްވާ ބޭފުޅެއް ކަމަށްވާ ކިމް ޔޮންގް ޗޮލް އެމެރިކާ އަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަަމަށް ރިޕޯޓުތައް ބުނެފިއެވެ.
ރިޕޯޓުތައް ބުނާ ގޮތުން ކިމް ޔޮންގް ޗޮލް އެމެރިކާ އަށް ވަޑައިގަންނަވާނީ ޗައިނާގެ ވެރިރަށް ބެއިޖިން އަށް ވަޑައިގަތުމަށް ފަހު ކަމަށް ރިޕޯޓްތައް ބުނެއެވެ. ރިޕޯޓުތައް ބުނާ ގޮތުން އުތުުުރު ކޮރެއާގެ އިސް އޮފިޝަލަކު އެމެރިކާ އަށް ވަޑައިގަންނަވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ ބައްދަލުވުން ހަގީގަތަކަށް ހެއްދެވުމަށް ކުރައްވާ މަސައްކަތްޕުޅުގެ ތެރެއިން ކަމަށް ވެއެވެ. ޗޮލް އެމެރިކާގެ އިސް އޮފިޝަލުންނާ މަޝްވަރާ ކުރައްވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މިއީ އުތުރު ކޮރެއާގެ އިސް އޮފިޝަލަކު ފަހުގެ ތާރީޚެއްގައި އެމެރިކާ އަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
ޓްރަމްޕާއި ރައީސް ކިމްގެ ބައްދަލުވުން ހަގީގަތަކަށް ހެއްދެވުމަށް އެމެރިކާގެ އޮފިޝަލުންގެ ޓީމަކާއި އުތުރު ކޮރެއާގެ އޮފިޝަލުންގެ ޓީމެއް މަޝްވަރާތައް މިހާރު ވެސް ދަނީ ކުރައްވަމުންނެވެ. ދެކޮރެއާ މެދުގައި އޮންނަ ޑީމިލިޓަރައިޒް ޒޯނެއް ކަމަށްވާ ޕަންމުންޔޮމްގައި ދެގައުމުގެ އޮފިޝަލުންގެ ޓީމްތައް ބައްދަލު ކުރަމުންދާ އިރު ރައީސް ޓްރަމްޕާއި އުތުރު ކޮރެއާގެ ލީޑަރާ ދެމެދު މިއަންނަ ޖޫންގައި ބާއްވަން ތާވަލްކުރި ބައްދަލުވުން ރައީސް ޓްރަމްޕް ވަނީ ބުރާސްފަތި ދުވަހު ކެންސަލް ކުރައްވާފައެވެ. އެ ބައްދަލުވުން ރައީސް ޓްރަމްޕް ކެންސަލް ކުރެއްވިއަސް، އޭގެ ފަހުން ދެ ގައުމުން ވެސް ދަނީ ބައްދަލުވުން ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރަމުންނެވެ.
ޖޫން މަހު ބާއްވަން އޮތް އުުތުރު ކޮރެއާ އާއި އެމެރިކާގެ ވެރިންގެ ބައްދަލުވުން ކެންސަލް ކުރެއްވިކަން ހާމަކޮށް ބުރާސްފަތި ދުވަހު އެމެރިކާގެ ރައީސް އުތުރު ކޮރެއާގެ ލީޑަރަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ "އުތުރު ކޮރެއާގެ ލީޑަރު އެންމެ ފަހުން ވިދާޅުވި ބަސްފުޅަކީ ރުޅިވެރިކަމާއި، ހަމަނުޖެހުމަށް ހިއްވަރުދޭ ބަސްފުޅެއް ކަމަށާއި އެހެންކަމުން މިވަގުތަކީ ދުރާލާ ކުރިން ޝެޑިއުލް ކުރެވުނު ބައްދަލުވުން ބާއްވަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށެވެ".
ބައިނަލްއަގްވާމީ ދުނިޔެ އިން އުތުރު ކޮރެއާއަށް ތަކުރާރުކޮށް ގޮވާލަމުން ދަނީ އެގައުމުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުމަށާއި މިސައިލްތައް ޓެސްޓުކުރުން ހުއްޓާލުމަށެވެ. ދުނިޔޭގެ ގޮވާލުންތަކަށް އުތުރު ކޮރެއާ އިން އިޖާބަ ނުދޭތީ އުތުރު ކޮރެއާ އާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ވެސް ބައިނަލްއަޤުވާމީ މުޖުތަމައު އިން ވަނީ އަޅާފައެވެ.