ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ އުފުލާފައިވާ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާންގެ ހަތަރު ވަނަ އަޑުއެހުން ވެސް ނުބޭއްވިގެން ކެންސަލްކޮށްފިއެވެ.
އަންގާރަ ދުވަހުގެ މެންދުރު 12:00ގައި ބާއްވަން ތާވަލު ކުރި އަޑުއެހުމަކީ ޝަރީއަތުގެ ކުރިން ސިނާން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތަކާ ގުޅޭ ގޮތުން ގޮތެއް ނިންމަން ތާވަލުކުރި އަޑުއެހުމެކެވެ. މިއީ އެ އަޑުއެހުން ތާވަލު ކުރުމަށް ފަހު މި މަހުގެ ތެރޭގައި ކެންސަލް ކުރި ހަތަރު ވަނަ ފަހަރެވެ.
ކްރިމިނަލް ކޯޓުގެ މީޑީއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު ވިދާޅުވީ ސިނާން ޝަރީއަތް ކެންސަލްކުރީ ދިފާއީ ވަކީލުންނަށް ހާޒިރު ނުވެވިގެން ކަމަށެވެ. ވަކީލުންނަށް ކްރިމިނަލް ކޯޓަށް ހާޒިރު ނުވެވުނީ އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ޝަރީއަތެއް ހައި ކޯޓުގައި ކުރިއަށްދާތީއެވެ.
ސިނާންގެ މައްޗަށް ކުރާ ދައުވާގައި ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުރެ އިތުރު ބަޔަކާ ބައިވެރިވެގެން 2017 ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލުމަށް ރިޝްވަތު ހިފާފައިވާ ކަމަށެވެ. އަދި ގާނޫނު އަސާސީން ދައުލަތް ހިންގުމުގެ ވަކިވަކި ބާރުތައް ލިބިދީ އުފައްދާފައިވާ މުއައްސަސާތަކުގެ ހިންގުމުގެ ނިޒާމުތަކަށް ބުރޫ އަރުވައި ގައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާ އެތައް މަސްހަލަތުތަކެއް ގެއްލޭ ގޮތަށް ސިނާން އަމަލުކޮށްފައިވާ ކަމަށް ވެސް އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާގައިވެއެވެ.
ސިނާންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ ސާބިތުވެއްޖެނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.