އިސްލާމްދީނާ ދެކޮޅަށް ޔޫޓިއުބްގައި ހުރި ވީޑިއޯތަކެއްގެ މައްސަލައެއްގައި މިސްރުން އެއްމަހަށް ޔޫޓިއުބް ބްލޮކް ކޮށްފިއެވެ.
މިސްރުގެ ކޯޓަކުން ހޮނިހިރު ދުވަހު ކޮށްފައިވާ އަމުރެއްގައި އެގައުމުގެ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަންސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީގެ މައްޗަށް ކޮށްފައިވާ އަމުރުގައި ބުނެފައިވަނީ 2012 ވަނަ އަހަރު ޔޫޓިއުބް މެދުވެރިކޮށް ރަސޫލާއަށް ﷺ ފުރައްސާރަ ކޮށްފައިވާ ވީޑިއޯއެއް ހިމެނިފައިވާތީ މިޞްރުން ޔޫޓިއުބަސް ނުވަދެވޭ ގޮތަށް އެއް މަސްދުވަހަށް އެ ސައިޓަށް ވަނުން ބްލޮކް ކުރުމަށެވެ.
މިމައްސަލައަކީ މިސްރުގެ ވަކީލަކު 2013 ވަނަ އަހަރު ހުށައެޅި މައްސަލައެކެވެ. ރަސޫލާ ﷺ އަށް ފުރައްސާރަކޮށް މުސްލިމު ނޫން ބަޔަކު ޔޫޓިއުބްގައި އާންމުކޮށް ޝާއިޢު ކުރި ވީޑިއޯއާއި ގުޅިގެން އެތަކެއް މުސްލިމުންގެ ފާޑުކިޔުން އަމާޒުވިއެވެ.
މިސްރުގެ ކޯޓުން މިގޮތަށް އަމުރު ކުރި ކަމުގައިވިއަސް އަދި މިހާތަނަށް އެއަމުރު ތަންފީޒު ކޮށްފައިނުވާކަމަށް ޚަބަރުތައް ބުނެއެވެ. އަދި ޔޫޓިއުބް އެއްމަސްދުވަހަށް ބްލޮކް ކޮށްގެން ރަމަޟާންމަހު އުނދަގޫވާނެ ކަމަށާއި ޓީވީ ޕްރޮގްރާމްތަކާއި ވިޔަފާރިތަކަށް ބުރޫއަރާނެކަމަށްވެސް ޚަބަރުތައް ބުނެއެވެ.