ބުދަ ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުމަށް ވޯޓު ފޮށިތައް ބަހައްޓާނެ ތަންތަން އެޕާޓީން އިއުލާންކޮށްފިއެވެ.
ޕްރައިމަރީގައި ވޯޓު ލެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ތަންތަނުގެ ތަފްޞީލް އެޕާޓީގެ ވެބްސައިޓް www.mdp.org.mv އިން ލިބޭނެ ކަމަށް އެމްޑީޕީއިން ބުނެއެވެ. ގިނަ ރަށްރަށުގައި ވޯޓުލުން ކުރިއަށްދާނީ އެމްޑީޕީގެ ޖަގަހަތަކާއި ހަރުގެތަކުގައެވެ.
މާލޭގައި ތިބި އެމްޑީޕީގެ މެމްބަރުން ވޯޓުލާން ދާން ޖެހޭ ތަންތަނުގެ ތަފްޞީލަށް ބަލާއިރު، އެމްޑީޕީގެ ހެންވޭރު ދާއިރާތަކުގެ މެމްބަރުން ވޯޓުލާން ދާން ޖެހޭނީ ހ. މާދިލްގައި ބެހެއްޓިފައިވާ ވޯޓު ފޮއްޓަށެވެ. ގަލޮޅު ދާއިރާތަކުގައި ރަޖިސްޓްރީ ވެފައިވާ މެމްބަރުން ކ. ކަކާގެއާގެ 1 ގައި ވޯޓުލާން ޖެހޭއިރު، މައްޗަންގޮޅީގެ ދާއިރާތަކަށް ނިސްބަތްވާ އެމްޑީޕީގެ މެމްބަރުންނަށް ވޯޓުލުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ ކޮށީގެ ގޯޅީގައި ހުންނަ މއ. މާވޭލެވަރުގައެވެ.
މާފަންނު މެދު އަދި މާފަންނު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރުން ވޯޓުލާން ދާން ޖެހެނީ ޖަޒުބާތު ޖަގަހައަށެވެ. އަދި މާފަންނު އުތުރާއި ހުޅަނގު ދާއިރާގެ މެމްބަރުން ދާން ޖެހެނީ ފަރީދީމަގުގައި ހުންނަ އާކް-އެކްސް ކެފޭއަށެވެ. ވިލިމާލޭގައި ދިރިއުޅޭ އެމްޑީޕީގެ މެމްބަރުން ވޯޓުލާން ޖެހޭ ވޯޓު ފޮށި ހުންނާނީ ވިލިމާލޭ އެމްޑީޕީ ހަރުގޭގައެވެ. އަދި ހުޅުމާލޭގައި ރަޖިސްޓްރީ ވެފައިވާ އެމްޑީޕީ މެމްބަރުން ވޯޓުލާން ޖެހެނީ ވޯޓަރ ސްޕޯޓްސް ވަސިންޓެބީޗް ގައި ހުންނަ ވޯޓު ފޮއްޓަށެވެ.
ލަންކާގެ ވެރިރަށް ކޮޅުނބުގައި ދިރުއުޅޭ އެމްޑީޕީ މެމްބަރުން ވޯޓުލުމަށް ދެ ވޯޓު ފޮއްޓެއް ބަހައްޓާނެއެވެ. އެގޮތުން ނުގޭގޮޑައިގައި އެއް ވޯޓު ފޮށި ބަހައްޓާއިރު، އަނެއް ވޯޓު ފޮށި ހުންނާނީ ދެހިވަލައިގައެވެ. މީގެ އިތުރުން ލަންކާގެ ކެންޑީގައި ތިބި އެމްޑީޕީގެ މެމްބަރުން ވޯޓުލުމަށް ކެންޑީގައި ވޯޓު ފޮއްޓެއް ހުންނާނެއެވެ.
އިންޑިއާގެ ޓްރިވެންޑްރަމްގެ އިތުރުން ބެންގަލޫރުގައި ވޯޓު ފޮއްޓެއް ހުންނާނެއެވެ. އަދި މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕުރާއި އިނގިރޭސިވިލާތުގެ ލަންޑަނުގައިވެސް ވޯޓު ފޮއްޓެއް ހުންނާނެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް އެޕާޓީން ފުރިހަމައަށް ތައްޔާރު ވެފައިވާ ކަމަށް ޕާޓީގެ ފަރާތުން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ބުނެފަ އެވެ. ހޯމަ ދުވަހު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ އިލެކްޝަން ކޮމިޝަނުން އަންގައިގެން މި މަހުގެ 30 ވަނަ ދުވަހު ބާއްވާ އެމްޑީޕީ ޕްރައިމަރީ އަށް ފުލުހުން ހުރަސް އަޅާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލައްވާފައިވާ ހަމައެކަނި ކެންޑިޑޭޓަކީ ކުރީގެ ރައީސް އަދި އެޕާޓީގެ ލީޑަރު މުހައްމަދު ނަޝީދެވެ. ރައީސް ނަޝީދު ވާދަކުރައްވާ ޕްރައިމަރީއެއް ބާއްވައިފިނަމަ އެމްޑީޕީ އުވާލާނެކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަނުން ވަނީ ދީފައެވެ. ސިޔާސީ ޕާޓީތަކަށް ފޮނުވި ސިޓީއެއްގެ ސިފައިގައި އެމްޑީޕީއަށް ނުސީދާކޮށް އިލެކްޝަންސް ކޮމިޝަނުން އިންޒާރު ދިން އިރު، ސިޓީގެ ކުރިން ނޫސް ބަޔާނެއްވެސް ނެރެގެން އެމްޑީޕީއަށް ރައްދުވާ ގޮތަށް، ޕްރައިމަރީތަކާއި ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން ވަނީ އިންޒާރު ދީފައެވެ.