ކ. މާލެ
|
29 މެއި 2018 | އަންގާރަ 08:47
އިންތިޚާބުގެ ނަތީޖާ އިއުލާންކުރުމުން މަޑޫރޯ ސަޕޯޓަރުންނާއި މުޚާޠަބު ކުރައްވައި ވާހަކަ ދައްކަވަނީ
އިންތިޚާބުގެ ނަތީޖާ އިއުލާންކުރުމުން މަޑޫރޯ ސަޕޯޓަރުންނާއި މުޚާޠަބު ކުރައްވައި ވާހަކަ ދައްކަވަނީ
ރޮއިޓަރސް
ވެނެޒުއޭލާގެ އިންތިޚާބު
ޔޫރަޕުން ބަަލައިނުގަންނަ އިންތިޚާބެއް ބޭއްވުމުން ވެނެޒުއޭލާއާ ދެކޮޅަށް ފިޔަވަޅު އަޅަނީ
އިންތިޚާބު ކާމިޔާބުކުރީ މިހާރުގެވެސް ރައީސް ނިކޮލަސް މަޑޫރޯ
އިންތިޚާބުގައި އިދިކޮޅު ލީޑަރުންނަށް ބައިވެރިވާން ފުރުސަތު ނުދޭ
އެމެރިކާ، އީޔޫ އިން ދަނީ ފިޔަވަޅު އަޅަމުން

މިމަހުގެ 20 ވަނަ ދުވަހު ދެކުނު އެމެރިކާގެ ޤައުމެއް ކަމަށްވާ ވެނެޒުއޭލާގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ ޤަބޫލުނުކުރާކަމަށް ބުނެ، އެޤައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ވިލާތުގެ އިއްތިޙާދުން ތައްޔާރުވަމުން އެބަދެއެވެ. 

ހޯމަ ދުވަހު ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި ބޭއްވި ވިލާތުގެ ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމަށްފަހު ނެރުނު ގުޅިފައިވާ ބަޔާނުގައިވަނީ ވެނެޒުއޭލާގެ އާއްމު ރައްޔިތުންނަށް އުނދަގޫ ނުވާނެހެން އެޤައުމުގެ ސަރުކާރުގެ އިސް ފަރާތްތަކާއި، އިންތިޚާބު ކާމިޔާބުކުރެއްވިކަމަށް ބުނާ ނިކޮލަސް މަޑޫރޯ އާއި ދެކޮޅަށް ވަރަށް އަވަހަށް ފިޔަވަޅު އެޅުމަށް ތައްޔާރުވަމުންދާކަމަށެވެ. 

ވިލާތުގެ ޚާރިޖީ ވަޒީރުންގެ ބަޔާނުގައި ވަނީ ވެނެޒުއޭލާގެ އިންތިޚާބުގެ ސައްހަކަމެއް ނެތްކަމަށާއި، ޑިމޮކްރެޓިކް އަދި ހުރިހާ ފަރާތްތަކަކަށް ބައިވެރިވެވޭ އިންތިޚާބެއް ބޭއްވިފައި ނުވާކަމާށެވެ. މީގެ އިތުރުން އިންސާފުވެރި އިންތިޚާބެއް އަނެއްކާވެސް ބޭއްވުމަށް ވިލާތުގެ އިއްތިޙާދުން ވަނީ ވެނެޒުއޭލާގެ ސަރުކާރަށް ގޮވާލާފައެވެ.

ވެނެޒުއޭލާއާއި ދެކޮޅަށް ވިލާތުގެ އިއްތިޙާދުން އަޅާ ދަތިކުރުމުގެ ފިޔަވަޅުތައް ނިންމާނީ އަންނަ ޖޫން މަހުގެ 25 ވަނަ ދުވަހު ލަގްޒެމްބަރގްގައި ބާއްވާ ބައްދަލުވުމުގައެވެ. 

މިދިޔަ ހުކުރު ދުވަހު ރޮއިޓަރސްއާ ވާހަކަ ދައްކަވަމުން އީޔޫގެ އިސް އޮފިޝަލަކު ވިދާޅުވީ ވެނެޒުއޭލާގެ ސަރުކާރުގެ އިސް 11 ބޭފުޅަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ވިސްނަމުންދާކަމަށެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވިލާތުގެ އިއްތިޙާދުން ވަނީ ވެނެޒުއޭލާއަށް ހަތިޔާރު ވިއްކުން މަނާކޮށްފައެވެ. އަދި ވެނެޒުއޭލާގެ ސަރުކާރުގެ އިސް ހަތް ފަރާތެއް ޔޫރަޕްގެ ޤައުމުތަކަށް ދަތުރުކުރުން މަނާކޮށް، ޔޫރަޕްގައި ހުރި އެ ހަތް ފަރާތުގެ މުދާ ވަނީ ހިފަހައްޓާފައެވެ. 

މެއި 20 ވަނަ ދުވަހު ވެނެޒުއޭލާގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، ރައީސް ނިކޮލަސް މަޑޫރޯ ވަނީ 6 އަހަރުގެ 2 ވަނަ ދައުރެއް ކަށަވަރުކުރައްވާފައެވެ. މަޑޫރޯއަށް އިންތިޚާބުގައި 5.8 މިލިއަން ވޯޓުގައި ލިބިވަޑައިގަތްއިރު، އެންމެ ގާތުން ވާދަކުރެއްވި ހެންރީ ފެލްކަންއަށް ލިިބިވަޑައިގަތީ 1.8 މިލިއަން ވޯޓެވެ.

މި އިންތިޚާބުގެ ނަތީޖާ ބައިނަލްއަޤްވާމީ މުޖްތަމައުން ޤަބޫލުނުކުރި އެއް ސަބަބަކީ އިދިކޮޅު ޑިމޮކްރެޓިކް ޔުނިޓީ ރައުންޑްޓޭބަލް ކޯލިޝަނުން އިންތިޚާބު ބޮއިކޮޓްކުރުމެެވެ. އެކޯލިޝަނުން އިންތިޚާބު ބޮއިކޮޓްކުރުމުން ވެނެޒުއޭލާގެ ގިނަ ރައްޔިތުން ވޯޓުލާން ނިކުމެފައެއް ނުވެއެވެ. ރަސްމީ ތަފާސްހިސާބުތައް ދައްކާގޮތުން އިންތިޚާބުގައި ވޯޓުލާން ނިކުތީ ވޯޓުލިބުމުގެ ހައްޤު ލިބިގެންވާ އާބާދީގެ 46.01 އިންސައްތައެވެ. 

އިދިކޮޅު ފަރާތްތަކުން އިންތިޚާބު ބޮއިކޮޓްކުރި އެއް ސަބަބަކީ އެޤައުމުގައި އެންމެ ނުފޫޒުގަދަ އަދި ރައްޔިތުންގެ ތާޢީދު އެންމެ ބޮޑަށް ލިބިފައިވާ އިދިކޮޅު 2 ލީޑަރުންކަމަށްވާ އެންރިކޭ ކަޕްރިލޭޒް އާއި ލިއޮޕޮލްޑޯ ލޮޕޭޒްއަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރަސަތު މަޑޫރޯގެ ސަރުކާރުން ބަންދުކުރުމެވެ. 

ވިލާތުގެ އިއްތިޙާދުން ވެނެޒުއޭލާގެ ސަރުކާރުގެ އިސް ބައެއް ފަރާތްތަކާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި، އިތުރު ފިޔަވަޅުތައް އަޅަން ތައްޔާރުވަމުންދާއިރު، އެމެރިކާއިންވެސް ވަނީ އިންތިޚާބުގެ މައްސަލައިގައި ވެނެޒުއޭލާގެ ސަރުކާރާއި ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން ވެނެޒުއޭލާގެ ސަރުކާރު ކުންފުނިތަކުގެ މުދާ ގަތުމުގައި ހަރުކަށި އުޞޫލުތަކެއް އެމެރިކާއިން ގެންގުޅޭނެކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަމީ ރިޔާސީ ޤަރާރަކުން އިއުލާންކުރައްވާފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް