އިންފުލުއެންޒާ ވެކްސިން ހުސްވެފައި ވަނިކޮށް އާ ޝިޕްމެންޓެއް އެސްޓީއޯއަށް ލިބިއްޖެ އެ ކުންފުނިން ބުނެފިއެވެ.
އެކުންފުނިން ބުނީ އެސްޓީއޯގެ ފާމަސީތަކުން މިހާރު ކުރިއެކޭ ވެސް އެއްފަދައިން ވެކްސިން ލިބެން ހުންނާނެ ކަމަށެވެ. ވެކްސިން ހުސްވެފައި ވަނީ އިއްޔެ މެންދުރުވާން އުޅެނިކޮށް ކަމަށާއި ރޭގެ ވަގުތެއްގައި އާ ޝިޕްމެންޓް ގެނެވިފައިވާ ކަމަށެވެ. މިފަހަރު ގެނައީ ރާއްޖޭގެ ފެތުރެމުންދާ އިންފުލުއެންޒާ ވައިރަސްއަށް އަމާޒު ކޮށްގެން ވަރަށް ބޮޑު ސްޓޮކެއް ކަމަށް ވެސް އެކުންފުނިން ބުނެއެވެ.
Influenza vaccine is available on prescription basis at STO Pharmacies. @sto_mkt @HPA_MV @MoH_mv pic.twitter.com/q62ItHssKT
— STO Medical Services (@StoMedical) May 28, 2018
ރާއްޖޭގެ ކޮންމެ ހޮސްޕިޓަލަކުން ވެސް، ކޮންމެ ކުލިނިކަކުން ވެސް އަދި ކޮންމެ ޑޮކްޓަރަކު ދޫކުރާ ބޭސް ސިޓީއަކަށް ވެސް އިންފުލުއެންޒާ ވެކްސިން ދޫކުރާނެ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ. ކޮންމެ ތާކުން ބޭސް ސިޓީ ގެނައި ކަމުގައި ވީ ނަމަވެސް އިންފުލުއެންޒާ ވެކްސިންއަށް އާސަންދަ ނުލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އޭގެ އަގު އުޅެނީ 125ރ. އަށެވެ.
އެސްޓީއޯއިން ވެކްސިންތައް ގެނައި މިދަޑިވަޅަކީ ރާއްޖޭގައި ފެތުރެމުންދާ ހުމާއި ރޯގާއާ ގުޅިގެން ޓެސްޓް ކުރި މީހުންގެ ތެރިއިން 69 ޕަސެންޓް މީހުންނަށް އިންފުލުއެންޒާ ޖެހިފައިވާ ދުވަސްވަރެކެވެ. އޭގެ ތެރޭގައި ގިނައީ އިންފްލުއެންޒާ "އޭ" ގެ ވައްތަރެއް ކަމަށްވާ "އެޗް3އެން2" އަށް ޕޮޒިޓިވްވި މީހުން ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.