ކ. މާލެ
|
28 މެއި 2018 | ހޯމަ 22:04
ފަލަސްތީނުގެ ރައީސް ހޮސްޕިޓަލް ތެރޭގައި
ފަލަސްތީނުގެ ރައީސް ހޮސްޕިޓަލް ތެރޭގައި
ފަލަސްތީނުގެ ޕްރެސިޑެންސީ
ފަލަސްތީނުގެ ރައީސް
އަށް ދުވަހަށް ފަހު ފަލަސްތީނުގެ ރައީސް ހޮސްޕިޓަލުން ދޫކޮށްލައިފި
އެޑްމިޓްކޮށްފައި ވަނީ މޭ މަހު 20 ދުވަހު
ފުއްޕާމެއަށް ޖެހިފައި ވަނީ ނިއުމޯނިއާ ކަމަށް ރިޕޯޓްތައް ބުނޭ

އަށް ދުވަސް ވަންދެން ފުއްޕާމޭގެ އިންފެކްޝަނަކަށް ފަރުވާ ދިނުމަށް ފަހު ފަލަސްތީނުގެ ރައީސް މަހްމޫދް އައްބާސް ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

ގުދުސްގެ އުތުރުން ދިހަ ވަރަކަށް ކިލޯ މީޓަރުގައި ދުރުގައި އޮންނަ ފަލަސްތީނުގެ ސިޓީ، ރާމައްޟާގެ ހޮސްޕިޓަލެއްގައި ރައީސް އައްބާސް އެޑްމިޓްކޮށްފައި ވަނީ މޭ މަހު 20 ވަނަ ދުވަހުއެވެ.

ރައީސް އައްބާސްގެ ފުއްޕާމެއަށް ޖެހިފައި ވަނީ ނިއުމޯނިއާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ރައީސް އައްބާސް ސަލާމަތް ސިއްހަތެއްގައި ހޮސްޕިޓަލުން ދޫކޮށްލުމާ ގުޅިގެން ވިދާޅުވީ ހުރިހާ ހަމްދެއް ހުރީ ހެއްދެވި ފަރާތަށް ކަމަށެވެ.

ހޮސްޕިޓަލުން ނުކުމެވަޑައިގަންނަވަމުން ރައީސް އައްބާސް ވަނީ މާދަމާ މަސައްކަތަށް ނުކުމެވަޑައިގަންނަވާނެ ކަމަށް މީޑިއާ އަށް ވިދާޅުވެފައެވެ.

އައްބާސް އަށް ސިއްހީ މައްސަލަތައް ދޭތެރެ ދޭތެރެއިން ދިމާވި ނަމަވެސް އޭނާ އަށް ފަހު ވެރިކަމަށް ދެން އަންނާނެ ފަރާތެއް އަދިވެސް ކަނޑައަޅާފައެއް ނުވެއެވެ.

ހަތަރު އަހަރުގެ ރިޔާސީ ދައުރެއްގައި އައްބާސް ވެރިކަމަށް ވަޑައިގެންނެވީ 2004 ވަނަ އަހަރު އޭރުގެ ރައީސް ޔާސިރު އަރަފާތް އަވަހާރަވުމާ ގުޅިގެންނެވެ. ނަމަވެސް އިންތިޚާބު ނުބާއްވާތީ އަދިވެސް ރައީސް އައްބާސް ހުންނެވީ ވެރިކަމުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް