މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ގުގުރުމާއެކު ކެރީގެ އަސަރުކޮށް، ކަނޑުގަދަވެ، ވައިގަދަވާނެކަމަށް ލަފާކުރެވޭތީ ހއ. އާއި ލ. އަތޮޅާ ދެމެދުގެ އަތޮޅުތަކަށް ޤައުމީ މޫސުމާ ބެހޭ އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެ.
ހއ. އާއި ލ. އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް މޫސުމާއި ބެހޭ އިދާރާއިން ޔެލޯ އެލާޓް ނެރެފައި ވަނީ މިރޭ 22:00 އިން ދަންވަރު 01:00 ގެ ނިިޔަލަށެވެ.
މެޓުން ބުނީ، މެދުތެރެ އާއި އުތުރުގެ އެކި ހިސާބަށް ގުގުރުމާ އެކު ވިއްސާރަކުރާނެ ކަމަށާއި، ދެކުނުގެ ރަށްތަކަށް ގުގުރުމާ އެކު ކެރީގެ އަސަރު ފޯރާނެ ކަމަށެވެ. އަދި ގަޑިއަކު 30 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 50 މޭލު ބާރު މިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ޤައުމީ މޫސުމާ ބެހޭ އިދާރާ އިން ވަނީ، ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ، އާއްމުކޮށް ހުރިހާ ފަރާތްތަކުން، ވަކިން ޙާއްސަކޮށް ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ޙާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ. އަދި ޔެލޯ އެލާޓް ނެރެފައިވާއިރު، ކޮންމެހެން ކުރަންޖެހޭ ދަތުރު ނޫން އެހެން ދަތުރެއް ނުކުރުމަށް ވެސް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.
މެޓުން ބުނީ ދިޔަވަރު އެންމެ ބޮޑުވާ ގަޑީގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.