ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ކުރީގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ހުސައިންގެ މައްޗަށް އުފުލާފައިވާ ގާނޫނު ހިންގަން ހުރަސްއެޅުމުގެ ދައުވާގެ އަޑުއެހުމެއް ކްމިނަލް ކޯޓުގައި ހޯމަ ދުވަހަށް ތާވަލް ކޮށްފިއެވެ.
ގާނޫނު ހިންގަން ހުރަސް އެޅިކަމުގެ ތުހުމަތުގައި ހަސަން ސައީދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައި ވަނީ 11:00 އަށެވެ.
އެދައުވާގެ އަޑުއެހުމެއް މާރޗް މަހުުގެ 19 ވަނަ ދުވަހު ތާވަލް ކުރުމަށް ފަހު ކެންސަލް ކޮށްފައި ވެއެވެ. އެދުވަހު ކްރިމިނަލް ކޯޓުން ބުނީ ހަސަން ސައީދުގެ ޝަރީއަތް ކުރިިއަށް ގެންދަން ނިންމާފައި ވަނީ ސިއްރުކޮށްގެން ކަމަށާއި އެ އަޑުއެހުމަށް އާންމުންނަށާއި މީޑިއާތަކަށް ވެސް ނުވަދެވޭނެ ކަމަށެވެ.
ހަސަން ސައީދު ހައްޔަރުކުރީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދިން ކަމަށް ކުރާ ތުހްމަތު މައްސަލައެއްގައެވެ. ގާނޫނު ހިންގަން ހުރަސްއެޅުމުގެ ދައުވާ އޭނާގެ މައްޗަށް އުފުލާފައި ވަނީ އޭނާ ހައްޔަރު ކުރުމަށް ފުލުހުން މަސައްކަތްކުރި އިރު ފުލުހުންނަށް ފިލައިގެން އުޅުނު ކަމަށް ބުނެއެވެ. ސިޔާސީ ބައެއް ލީޑަރުން ހިމެނޭ ގޮތަށް ގިނަ ބޭފުޅުންތަކެއް ދޫކޮށްލަން މި ދިޔަ މަހުގެ އެއް ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ އެކު ފުލުހުން ވަނީ ހަސަން ސައީދު ހޯދަން ވެސް އިއުލާން ކޮށްފައެވެ. އަދި ފުލުހުން އޭނާ ހޯދަން ކުރި މަސައްކަތް ސުޕްރީމް ކޯޓުން ވަނީ ހުއްޓުވާފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުނަށް ރިޝްވަތު ދިނުމުގެ ތުހްމަތުކޮށް ހަސަން ސައީދުގެ މައްޗަށް ކިތާބީ ހެކި ހުރި ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.