ރާއްޖެއަކީ ބޮޑު ގޮންޖެހުމެއް ކަމަށާއި ރާއްޖެ މިއަދު މަސައްކަތް ކުރަމުންދަނީ ޗައިނާއާއިއެކު ކަމަށް އިންޑިއާގެ ނޭވީ ޗީފް އެޑްމިރަލް ސުނިލް ލަންބާ ބުނެފި އެވެ.
މި މޭރުވުން ވާހާކަދައްކާފައިވަނީ ރާއްޖެއާއި އިންޑިއާގެ ގުޅުމަށް އައިސްފައިވާ ހީނަރުކަމަށް އިޝާރާތް ކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ. އަދިވެސް ދެ ގައުމުގެ ގުޅުން ބަދަހި ކުރުމަށް މަސައްކަތްތަކެއް ކުރަން ޖެހިވަޑައިގަންނަވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
ލަންބާ ވިދާޅުވީ ހިތްހަމަނުޖެހުންތަކެއް ހުރި ކަމުގައިވީ ނަމަވެސް ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ބެލެހެއްޓުމުގައި ރާއްޖެއާއިއެކު ކުރާ މަސައްކަތްތައް ކުރިއަށްދާނެ ކަމަށެވެ.
"ރާއްޖެއިން ވަނީ ބައެއް ރަށްތައް ތަރައްގީ ކުރުމަށް ޗައިނާއާއި ހަވާލު ކުރެވިފައި. މިކަންކަން ކުރުމަށް ގާނޫނު އަސާސީއަށް ވަނީ ބަދަލުތަކެއް ގެނެވިފައި. މިކަންކަން އަދި ޖެހޭނީ މަޑުން ތިބެ ބަލަން." ލަންބާ ވިދާޅުވި އެވެ. މިހެން ވިދާޅުވީ، ވިވެކަނަންދާ ފައުންޑޭޝަން އިންޓަރނޭޝަނަލްގެ ނަމުގައި ކުރިއަށްދިޔަ އިވެންޓްގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އިންޑިއާއާއި ރާއްޖޭގެ ގުޅުން ހީނަރުވެފައިވާ އިރު މިފާއިތުވެދިޔަ ދުވަސްތަކުގައި އިންޑިއާއިން ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދިޔަ ކަންކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އެގޮތުން ސަރުކާރުން އިއުލާނުކުރި 45 ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެންވެސް އިންޑިއާއިން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. މީގެ އިތުރުން ޗައިނާގެ ނުފޫޒް ރާއްޖެއަށް ބޮޑުވަމުންދާ ކަމަށްބުނެ ވެސް އިންޑިއާ އިން އަންނަނީ ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ.
ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމުގެ ސަވައިލަންސް އޮޕަރޭޝަނެއް އިންޑއާއިންގެ ނޭވީ އާއި ރާއްޖޭގެ އެމްއެންޑީއެފްގެ ކޯސްޓްގާޑް ގުޅިގެން ދާދި ފަހުން ވަނީ ކުރިއަށްގެންގޮސްފަ އެވެ. މިދިޔަ އޭޕްރީލް މަހު އެ އޮޕަރޭޝަން ކުރިއަށްގެންދިޔަ އިރު އޭގެ ކުރިން ކުރިއަށްގެންދިއުމަށް މަސައްކަތް ކުރި މިފަދަ އޮޕަރޭޝަނެއް ރާއްޖެއިން ވަނީ ކެންސަލްކުރި ނަމަވެސް އެ އޮޕަރޭޝަންތައް އަނެއްކާވެސް ފެށިފައިވާ ކަން ލަންބާ ފާހަގަކުރި އެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ހާއްސަ ޓްރެއިނިންގ ކޭމްޕްތައް ކުރިއަށްގެންދާނެ ކަމަށާއި ރާއްޖެއާއިއެކު ކުރާ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.