ޖަމީލު ވިދާޅުވީ ޚިޔާލު ތަފާތުވާ ކޮންމެ ފަހަރަކީ ބުރަކައްޓަށް ވަޅި ހަރަން ޖެހޭ ފަހަރެއް ނޫންކަމަށާއި އެއީ ކޮށްގެން ވާނެކަމެއް ނޫން ކަމަށް މިސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. ޖަމީލު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު ޖުމްހޫރީ ޕާޓީއާ ގުޅުމަށް ޖަރުމަނުވިލާތުގައި ހޮނިހިރު ދުވަހުގެރޭ ބޭއްވި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ޑރ.ޖަމީލު ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިވެވަޑައިގަންނަވަން ޖެހިވަޑައިގެންނެވި ގޮތާމެދު ދެރަފުޅުވާ ކަމަށާއި އެކަންކަން ކުށްވެރި ކުރައްވާ ކަމަށެވެ.
ރާއްޖެއަށް މިހާރު ދިމާވެފައިވާކަންތައްތައް ހައްލުވާނީ އެންމެން ގުޅިގެން ކަމަށާއި އެންމެނާ ދޭތެރޭ ވެސް މީގެ ކުރިން ކަންތައްތައް ވީ ނާއިންސާފުން ކަމަށް ވިދާޅުވިއެވެ.
" އެއްވެސް ބޭފުޅަކަށް ހައްގެއް ނެތް. މިއަދު ރާއްޖޭގެ މައްސަލަ ހައްލުކުރެވޭނީ މަށޭ، ނޫން. މިއަދު މައްސަލަތައް ހައްލު ކުރެވޭނީ އެކީގަ، ގުޅިގެން، ގައުމީ ވިސްނުން ވިސްނައިގެން، ކާކުތޯ ގުރުބާނީ ނުވަނީ، ރަނގަޅު އެންމެންނާ ދޭތެރޭ ނާއިންސާފުން ކަންކަން ކުރިމަތިވީ، ކުރީގެ ރައީސް މަގާމުން ދުރުކުރެވުނު ގޮތާމެދު ދެރަވޭ،"ޑރ. ޖަމީލު ވިދާޅުވިއެވެ.
ކުރީގެ ރައީސް ނަޝީދާއި ޑރ. ޖަމީލު ވަނީ މީގެ ކުރިން އެކުގައި މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން އުފައްދަވާ އެކީގައި މަސައްކަތް ކުރައްވާފައެވެ. އެހެން ނަމަވެސް ފަހަކަށް އައިސް ޖަމީލު ގެންދަވަނީ ނުސީދާކޮށް ނަޝީދަށް ބަހުގެ ހަމަލާތައް އަމާޒު ކުރައްވަމުންނެވެ. ރިޔާސީ ނިޒާމަކީ ދިވެހިންނާއި ގުޅޭ ނިޒާމެއް ނޫންކަން ކަށަވަރުވެފައިވާ ކަމަށާއި، ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް ގާއިމްކޮށް، ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލުކުރެއްވުމަށް ހުށައަޅުއްވާނެ ކަމަށް މީގެ ކުރިން ނަޝީދު ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވައި ޑރ. ޖަމީލު ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ، ތެދުވެރި ލީޑަރޝިޕްއެއް ކަމަށެވެ. އަދި ހުރިހާ ޕާޓީތައް ހިމެނިގެން މި ގާނޫނުއަސާސީއަށް ގެނައި ބަދަލުތަކަކީ، އެތައް "ނުބައެއް" ގެ ފެށުން ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
ރޭގެ ޖަލްސާގައި ވެސް ޖަމީލު ވަނީ ނަޝީދަށް އަމާޒުކޮށް "ދޮންބޭބެއަށް މީރުވާ ކާއެއްޗެހި އެހެންމީހަކަށް މީރު ނުވެދާނެ ކަމަށް" ވިދާޅުވެފައެވެ. އަދި ރާއްޖޭގެ މައްސަލަތައް ހައްލު ކުރެވޭނީ ހަމައެކަނި ތިމަންނައަށޭ ވިދާޅުވުމުގެ ހައްގެއް އެއްވެސް ބޭފުޅަކަށް ނެތް ކަމަށް ޑރ. ޖަމީލު ވިދާޅުވިއެވެ.
ރާއްޖެއަށް ދިމާވެފައިވާ ކަންތައްތައް ހައްލުވާނީ އެންމެން އެކުވެރިކަމާއިއެކު ގުޅިގެން މަސައްކަތް ކޮށްގެންކަމަށް ޖަމީލު ވިދާޅުވިއެވެ. އަދި އެގުޅުން ގާއިމް ކުރެވޭނީ އިތުބާރު ކޮށްގެން ކަމަށާއި ވަކިވެގަނެގެން ލިބޭނެ ފައިދާއެއް ނެތް ކަމަށް ޑރ.ޖަމީލު ވިދާޅުވިއެވެ.