ހދ. ކުޅުދުއްފުށީގެ ހިއްކި ސަރަހައްދުގެ އުތުރު ހުޅަނގު ފަރާތުގައި ޖެހި ހިލަތޮށިން ބައެއް ހަލާކުވެއްޖެ އެވެ.
ކުޅުދުއްފުށިން ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި ތޮއްޓަށް ގެއްލުން ލިބުނީ މޫސުން ގޯސްވެ، ކަނޑުގަދަވުމުގެ ސަބަބުން ކަމަށެވެ. ތޮށިން ބައެއް ހިލަތައް ނެއްޓި، ބައެއް ތަންތަން ވަނީ ވަރަށް ބޮޑަށް ރޫޅިފައެވެ. ތޮށިގަނޑު ހަލާކުވުމާ ގުޅިގެން ބިންދާލާ ރާޅުތައް ރަށުތެރަށް އަންނާތީ ގިނަ ބަޔަކު ދަންނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ކުޅުދުއްފުށީގެ އެއާޕޯޓް އެޅުމަށް ސަރުކާރުން ވަނީ އުތުރު ފަރާތުގެ މޫދާއި ކުޅިން ބައެއް ހިއްކައިފައެވެ. އަދި އެ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން ވަނީ ބޮޑު ބައެއްގައި ވަނީ ހިލަތޮށި ޖަހައިފަ އެވެ.
އެމްޓީސީސީގެ މަހާ ޖައްރާފު ބޭނުން ކޮށްގެން ކުޅުދުއްފުށީ ކުޅިން ނުވަ ހެކްޓަރާއި އެ ރަށު ހުޅަނގު ފަރާތު މޫދުން ހަ ހެކްޓަރު ވަނީ ހިއްކައިފަ އެވެ. އެއާރޕޯޓް މަޝްރޫއުގެ ދަށުން ކުޅުދުއްފުށި ކުޅި ހިއްކާފައިވާތީ ބައެއް ރައްޔިތުންނާއި ތިމާވެށި ހިމާޔަތް ކުރާ ބައެއް ޖަމްއިއްޔާތަކުން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.
ކުޅުދުއްފުށި އެއާރޕޯޓު އަންނަ އޮގަސްޓް މަހަށް ނިންމާނެ ކަމަށް ސަރުކާރުން ބުނެފައެވެ. މިހާރު ކުރިއަށް ދަނީ ރަންވޭއަށް ބިން އެއްވަރުކުރުމުގެ މަސައްކަތެކެވެ.