އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު މިރޭ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފި އެވެ.
މޭޑޭ މުޒާހަރާއަށްފަހު އަމިއްލަ އަށް އަރުވާލެވިގެން އިނގިރޭސިވިލާތުގައި ދިރިއުޅުއްވާ އަލީ ވަހީދު ޖުމްހޫރީ ޕާޓީ އަށް ސޮއި ކުރެއްވީ މިރޭ ޖަރުމަނުވިލާތުގައި ބޭއްވި ޚާއްސަ ޖަލްސާއެއްގަ އެވެ.
އަލީ ވަހީދު ހޮނިހިރު ދުވަހު ކުރެއްވި ޓްވީޓެއްގައި އޭނާ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށާއި އެމްޑީޕީގެ ލީޑަރޝިޕަށް ޝުކުރު އަދާ ކުރައްވައި، އެ ބޭފުޅުންނަށް ކާމިޔާބަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާ ވިދާޅުވެފައިވަނީ މި ވަގުތައް އޭނާ ވަކިވަނީ ކަމަށާއި އެހެން ނަމަވެސް "އަޅުގަނޑުމެންގެ ހިތާ ހިތުގެ ގުޅުމެއް ނުފޮހެވޭނެ" ކަމަށެވެ.
އަލީ ވަހީދު ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަންނެވުމާއެކު މިއީ އޭނާ ގުޅިވަޑައިގެންނެވި ތިން ވަނަ ޕާޓީ އެވެ. ކުރީގެ ޑީއާރުޕީއާ ގުޅިވަޑައިގެން ސިޔާސީ ހަޔާތް ފެއްޓެވި އަލީ ވަހީދު ވަނީ އެ ޕާޓީގެ އިސް މަގާމުތަކެއް ފުރުއްވާފަ އެވެ. އަދި އޭގެ ފަހުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށްފަހު އެ ޕާޓީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވުމަށް ފަހު، އެ މަގާމުން އިސްތިއުފާ ދެއްވީ 2016 ގަ އެވެ. އަލީ ވަހީދު ރާއްޖެއިން ބޭރަށް ވަޑައިގެންފައިވާއިރު މޭޑޭ މުޒަހަރާއާ ގުޅިގެން އޭނާގެ މައްޗަށްވެސް ޓެރަރިޒަމްގެ ދައުވާ އުފުލި އެވެ.