ދިވެހި ރާއްޖޭގެ ޔުނިވަރސިޓީތަކުން މަތީ ތައުލީމް ހިލޭ ލިބޭނެ ގޮތަށް ތައުލީމީ ސިޔާސަތު އެމްޑީޕީގެ 2018 ވަނަ އަހަރުގެ މެނިފެސްޓޯގައި ކަނޑައެޅޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ސްރީލަންކާގައި ހުންނަވައިގެން ފޭސްބުކް ލައިވް މެދުވެރިކޮށް ޒުވާނުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ހޮނިހިރު ދުވަހު ހަވީރު ކުރިއަށް ގެންދިޔަ ފޭސްބުކް ލައިވް ސެޝަންގައި ރައީސް ނަޝީދު ވިދާޅުވީ ޒުވާނުންނަށް މަތީ ތައުލީމު ހާސިލްކުރުމަށް މާލީ ގޮތުން ދަތިތަކާއި ކުރިމަތިވާ ކަމަށެވެ. ޚާއްސަކޮށް ޔުނިވަރސިޓީއެއް ނުވަތަ ކޮލެޖަކުން ތައުލީމް ހާސިލް ކުރާނަމަ 3000 ރުފިޔާ ނުވަތަ 5000 ރުފިޔާ ފީއެއްގެ ގޮތުގައި ދައްކަން ޖެހޭކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯގައި ރާއްޖޭގައި މަތީ ތައުލީމު ހިލޭ ލިބޭނެ ގޮތަށް ސިޔާސަތު ކަނޑައެޅޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
"މަތީ ތައުލީމު ފުރުސަތު، އަޅުގަނޑު އުއްމީދު ކުރަން މި ފަހަރުގެ އެމްޑީޕީގެ މެނިފެސްޓޯގައި، މަތީ ތައުލީމު ހިލޭ، ރާއްޖޭގެ ޔުނިވަރސިޓީގެ ތައުލީމު ހިލޭ ވުމަށް އަޅުގަނޑުމެންގެ ސިޔާސަތު ކަނޑައެޅޭނެ، އެނގިލައްވާނެ މިހާރު ތިންހާސް ފަސްހާސް ރުފިޔާ އެބަދޭ، އެއީ ވަރަށް ބޮޑު ދައްޗެއް، އަދި ހަމަ އެއާއި އެކީގައި ހޯސްޓަލްއިން ޔުނިވާސިޓީއަށް ކުދިންނަން ދެވޭނެ ގޮތަށް އަޅުގަނޑުމެންގެ ސިޔާސަތުގައި އިރާދަކުރެއްވިއްޔާ، ކުރިއަށް މި އޮތް ރިޔާސީ އިންތިހާބަށް ފަހު އެކުލަވާލެވޭ ސަރުކާރުގެ ސިޔާސަތުގައި ހިމެނިގެންދާނެ" ފޭސްބުކް ލައިވް މެދުވެރިކޮށް ޒުވާނުންނާއި މުހާތަބްކުރައްވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ޔުނިވަރސިޓީ ކުދިންނަން ދަނާލުން ޖާގަ (ހޯސްޓަލް) ދެވޭނެ ގޮތަށް ސިޔާސަތު ބައްޓަން ކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މި ސިޔާސަތުތައް ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ފަހު އެކުލަވާލެވޭ ސަރުކާރެއްގައި ހިމެނިގެންދާނެކަން އެމަނިކުފާން ވަނީ ފާހަގަކުރައްވާފައެވެ.
އެމްޑީޕީގެ މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޖަޒީރާ މެނިފެސްޓޯގައި ހިމެނޭ، "ނޫ އިޤްތިސާދުގެ ސިޔާސަތު" އަދި "މާކަނޑުގެ ބިޔަ ރާއްޖެ" ސިޔާސަތު އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.