އެމްޑީޕީގެ ކުރީގެ ޗެއާރޕާސަން އަލީ ވަހީދު އެމްޑީޕީން ވަކިވެ، ޖުމްހޫރީ ޕާޓީއާ ގުޅިވަޑާއިގެންނެވުމަށް ނިންމާފައިވާ ކަމުގެ އިސާރާތެއް އޭނާ ކުރައްވައިފި އެވެ.
ނިމިދިޔަ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި އަލީ ވަހީދު ހޮނިހިރު ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ ހުރިހާ އާއްމު މެމްބަރުންނަށް ހިތުގެ އިހުލާސްތެރި ޝުކުރު ދަންނަވާ ކަމަށެވެ. އަދި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އާއި ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހުއަށް އަބަދުވެސް ކާމިޔާބަށް އެދިވަޑައިގަންނަވާ ކަމަށާއި މިވަގުތަށް ވަކިވެލީކަމަށެވެ. އެހެނަސް އަޅުގަނޑުމެންގެ ހިތާ ހިތުގެ ގުޅުމެއް ނުފޮހެވޭނެ ކަމަށް ވެސް އަލީ ވަހީދު ކުރެއްވި ޓްވީޓަގައި ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން އާދިއްތަ ދުވަހުގެ ރޭ ޖުމްހޫރީ ޕާޓީން ބާއްވާ ހާއްސަ އިވެންޓްގައި އެޕާޓީއަށް ސޮއި ކުރައްވާނެ ކަމުގެ އިޝާރާތެއް އަލީ ވަހީދު ކުރެއްވި އެވެ.
Loabivaa @MDPSecretariat ge hurihaa aamu membarunnah hithuge ikhlaastheri shukuru dhannavan. Partyge Raees @MohamedNasheed adhi PG Leader @ibusolih ah abadhuves kaamiyaabah edhen. Alhugandu mivaguthu vakivelee. Ehenas alhugandumenge hithaa hithuge gulhumeh nufoheveyne! VTV 930pm! pic.twitter.com/cICxkenHiq
— Ali Waheed (@ali20waheed) May 26, 2018
އަލީ ވަހީދު އެގޮތަށް ވިދާޅުވެ، ޓްވީޓް ކުރައްވާފައިވާއިރު، ޖުމްހޫރީ ޕާޓީން ބުނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބައިވެރިވެވަޑައިގަންނަވާ ވަރަށް ހާއްސަ ޖަލްސާއެއް އާދީއްތަ ދުވަހުގެ ރޭ ޖަރުމަންވިލާތުގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
ޖުމްހޫރީ ޕާޓީން ބުނީ އެ ޖަލްސާއަކީ އެ ޕާޓީއަށް ވަރަށް ހާއްސަ ބޭފުޅަކު ސޮއިކުރުމަށް ބާއްވާ ޖަލްސާއެއްކަމަށާއި އެއީ ސިޔާސީގޮތުން ވަރަށް ފުންނާބުއުސް ބޭފުޅެއްކަމަށާ އޭގެ އިތުރަށް ވެސް އިތުރު ބޭފުޅުންކޮޅެއް ޖުމްހޫރީ ޕާޓީއަށް މި ޖަލްސާގައި ގުޅިވަޑައިގަންނަވާނެ ކަމަށް ޖުމްހޫރީ ޕާޓީން ވަނީ ބުނެފައެވެ.