ޒުވާނުނަށް ޚާއްސަ ކޮށްގެން "އެއްލަކިން މަށަށް ލައިސެންސް"ގެ ނަމުގައި ޓްރާންސްޕޯޓު އޮތޯރިޓީން ކުރިއަށް ގެންދާ ޕްރޮގްރާމުގައި ސޯޝަލް މީޑިއާގެ މައުލޫމާތު ހޯދާތީ ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.
ލައިސެންސް ޕްރޮގްރާމު ހުކުރު ދުވަހުގެ ރޭ ފަށާފައިވާއިރު މި ޕްރޮގްރާމް އޮންނާނީ މި މަހުގެ 25 ވާ ހުކުރު ދުވަހާއި 26 ވާ ހޮނިހިރު ދުވަހު އަދި 28 ވާ ހޯމަ ދުވަހުއެވެ.
އެއްލަކިން މަށަށް ލައިސެންސްގެ ނަމުގައި ބާއްވާ މި ޕްރޮގްރާމުގައި ލައިސެންސް ހޯދުމަށް ފުރަންޖެހޭ ފޯމުގައި އެމީހެއްގެ އިންސްޓަގްރާމާއި ވައިބަރ ނަންބަރާއި ފޭސްބުކް ނަން އަދި ވަޓްސްއެޕް ނަންބަރު ޖަހަންޖެހެއެވެ.
މިކަމާއި ގުޅިގެން އާންމުންގެ ވަރަށް ބޮޑު ފާޑުކިޔުމެއް ވަނީ އަމާޒުވެފައެވެ. އެގޮތުން އެއީ މިފަހަރު އޮންނަ ރިޔާސީ އިންތިޚާބަށް ސަރުކާރުން ތައްޔާރުވަނީތޯ ވަނީ ސުވާލު އުފައްދާފައެވެ.
ހުކުރު ދުވަހުގެރޭ ދޫކުރި ފޯމުގައި ދައުލަތުގެ ނިޝާން ނެތްކަމަށާއި މީގެ ކުރިން ލައިސަންސް ނަގަން ޓްރާންސްޕޯޓް މިނިސްޓްރީން ދޫކުރާ ފޯމުގައި ދައުލަތުގެ ނިޝާން ހުންނަކަމަށާއި އެއީ ސަރުކާރު ހިންގާ ޕީޕީއެމްގެ ކެންޕެއިނެއްތޯވެސް ވަނީ ސުވާލު ކޮށްފައެވެ. އަދި އެއީ ދިވެހި ރައްޔިތުންގެ ސޯޝަލް މީޑިއާތަކުގެ މައުލޫމާތު އެއްކުރަނީ ކަމަށްވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.
މިކަމާއި ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީގެ ބަހެއް ހޯދުމަށް ޓްރާންސްޕޯޓު އޮތޯރިޓީގެ ޗެއާމަން މަހުދީ އިމާދަށް ގުޅާލުމުން ފޯނު ނުނަންގަވާތީ ވަނީ މައުލޫމާތު ސާފުވާގޮތް ނުވެފައެވެ.
Ehlakin nay kiyaafa - Instagram, viber number, FB,WhatsApp - Mee hama kohmme hen Transport Min ah ingen jehay ehchehi ? pic.twitter.com/HXo1RnxeQ1
— Aishath Jennifer (@JenniferAishath) May 25, 2018
އެހެން ނަމަވެސް ބައެއް މީޑިއާތަކަށް މަހުދީ ދެއްވާފައިވާ އިންޓަވިއުގައި ވިދާޅުވެފައިވަނީ ކުރިއާ ހިލާފަށް އެ މައުލޫމާތު ހޯދަން ފޯމުތަކުގައި ހިމެނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އެ ޕްރޮގުރާމުގައި ބައިވެރިވާ ފަރާތްތަކަށް ޓްރެފިކާ ބެހޭ މައުލޫމާތު ދިނުމަށް ކަމަށެވެ.
އެއްލަކިން އަކީ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެމްޕެއިންގެ މި ފަހަރުގެ ޝިއާރެވެ. އެހެންކަމުން އެއްލަކިން މަށަށް ލައިސެންސް އަކީ އެމަނިކުފާނުގެ ރިޔާސީ ކެންޕޭނުގެ ބައެއްކަމަށްވެސް ބައެއްފަރާތްތަކުން ތުހުމަތު ކުރެއެވެ.
ހުކުރު ދުވަހުގެ ރޭ ބޭއްވި މި ޕްރޮގްރާމުގައި 100 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާއިރު އިންތިޒާމްތައް ހުރި ގޮތުން ބައިވެރިވި ގިނަ ފަރާތްތަކަށް ލައިސެންސް ލިބިފައިވަނީ ރޭ ދަންވަރު 2 ޖެހަން ކައިރިވެފައި ވަނިކޮށްކަމަށް އެ ޕްރޮގްރާމްގައި ބައިވެރިވި މީހަކު ބުންޏެވެ.
މާލެއަށްފަހު ހުޅުމާލޭގައި އަންނަ ހަފްތާގައި މި ޕްރޮގްރާމު ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ. މާލެ ސަރަހައްދު ނިމިމުން އާބާދީ ބޮޑެތި ސަރަހައްދު ތަކުގައިވެސް "އެއްލަކިން ލައިސަންސް" ލިބޭ ޕްރޮގްރާމު ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.