ޖަލުން މިނިވަން ވެވަޑައިގެންނެވި، މެލޭޝިއާގެ ވެރިކަން ކުރާ ކޯލިޝަންގެ ލީޑަރު އަންވަރު އިބްރާހިމް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހަޔާތްޕުޅުން އިބުރަތް ހާސިލު ކުރެއްވި ކަމަށް, އަންވަރުގެ ދަރިކަނބަލުން ނޫރުލް އިއްޒާ އަންވަރު ވިދާޅުވެއްޖެއެވެ.
ނޫރުލް އިއްޒާ އެގޮތަށް ވިދާޅުވީ ނަޝީދު ކުރެއްވި ޓްވީޓަކަށް ރިޕްލައި ކުރައްވަމުންނެވެ. އަންވަރު ޖަލުން މިނިވަންވެވަޑައިގަތުމުން، އެކަމަށް މަރުޙަބާ ވިދާޅުވެ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ހިތްވަރު ދޫނުކޮށް، އަޒުމާއެކު އަބަދުވެސް މަސައްކަތް ކުރާނަމަ ކާމިޔާބު ލިބޭނެ ކަމަށެވެ.
އަންވަރު އިބްރާހިމާއި އޭނާގެ އަނބިކަނބަލުންނާއި ދަރިކަނބަލުން ޓެގުކުރައްވައި، ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މެލޭޝިއާގެ ރައްޔިތުންގެ އެހީތެރިކަމާއެކު އަންވަރު ކާމިޔާބު ހޯއްދަވާފައިވާ ކަމަށެވެ. އެ ޓްވީޓަށް ރިޕްލައި ކުރައްވައި ނޫރުލް އިއްޒާ ވިދާޅުވީ ރައީސް ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބްރަތް ހާސިލު ކުރައްވާފައިވާ ކަމަށެވެ.
@anwaribrahim - taking a leaf from the pages of former President @MohamedNasheed https://t.co/a5pli0QMUi
— Nurul Izzah (@n_izzah) May 24, 2018
އަންވަރު އިބްރާހިމް ވަނީ ވޭތުވެދިޔަ ތިން އަހަރު ޖަލުގައި ހޭދަ ކުރައްވާފައެވެ. ޖަލުން މިނިވަންވެވަޑައިގެންނެވިއިރު، ޖަލުގައި ހުންނަވައިގެން އަންވަރު ހެއްދެވި ކޯލިޝަނުން ވަނީ ވޭތުވެދިޔަ 61 އަހަރު މެލޭޝިއާގައި ވެރިކަން ކުރި ބަރިސަން ނޭސަނަލް ކޯލިޝަންގެ ވެރިކަން ނިމުމަކަށް ގެނެސްފައެވެ.
އަންވަރު ޖަލުން މިނިވަންކޮށްދެއްވީ އޭނާ އިސްވެ ހުންނަވައިގެން އުފެއްދެވި ކޯލިޝަނުން ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވި ޑރ. މަހާތިރު މުހައްމަދެވެ. އުމުރުފުޅުން 92 އަހަރުފުޅުގެ މަހާތީރު އެއްބަސްވެވަޑައިގެންފައި ވަނީ ދެ އަހަރެއްހާ ދުވަހު ބޮޑު ވަޒީރުކަން ކުރެއްވުމަށްފަހު، ވެރިކަން އަންވަރާއި ހަވާލު ކުރައްވާނެ ކަމަށެވެ.
ނަމަވެސް ބޮޑުވަޒީރުގެ މަޤާމަށް ވަޑައިގަތުމަށް އަންވަރަށް ފުރަތަމަ ޖެހިވަޑައިގަންނަވާނީ ޤާނޫނު ހަދާ މަޖިލީހުގެ ގޮނޑިއަކަށް ވާދަ ކުރައްވައި، އިންތިޚާބު ކާމިޔާބު ކުރައްވާށެވެ.