ގަދަ ވަޔާއެކު ބޯކޮށް، ވާރޭވެހޭނެ ކަމަށް ލަފާކޮށް، ރާއްޖޭގެ 16 އަތޮޅަކަށް ޔެލޯ އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާ ދެމެދުގައިވާ 16 އަތޮޅަށެވެ. މެޓް ބުނީ ޔެލޯ އެލާޓް ނެރެފައިވާ ސަރަހައްދުތަކަށް ގަޑިއަކު 30 މޭލާ 40 މޭލާދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 55 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.
މެޓު އޮފީހުން ނެރެފައިވާ ޔެލޯ އެލާޓް ދެމި އޮންނާނީ ހުކުރު ދުވަހުގެ މެންދުރުފަހު 3:00 އިން ފެށިގެން ހަތަރު ގަަޑިއިރަށެވެ.
ރާއްޖޭއަށް މޫސުން ގޯސްވެ، އާދަޔާ ހިލާފަށް ވައި ބާރުވުމާ ގުޅިގެން ކަނޑުތައް ގަދަވާނެތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ވަނީ އެދިފައެވެ. ހާއްސަކޮށް މެދުރާއްޖެ ތެރެ އާއި އުތުރުގެ އަތޮޅުތަކަށް ކަނޑުމަގުން ދަތުރުކުރުމުގައި ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
ޔެލޯ އެލާޓް ނެރެނީ ދިމާވެދާނެ ކަމަކަށް ތައްޔާރީ ހާލަތުގައި ތިބުމަށް އެންގުމަށާއި ކަމާ ބެހޭ އިދާރާތައް ރައްޔިތުންނަށް ދިމާވެދާނެ ކަމަކުން ސަލާމަތްވުމަށް ތައްޔާރުވުމަށެވެ. ގުގުރުމާ އެކު ބޯކޮށް ވާރޭވެހި ގަދަ ވަޔާ އެކު ނަގޫރޯޅިއެއް އަރާފާނެ ހާލަތުގައި ޔެލޯ އެލާޓް ނެރެފައިވަނިކޮށް ކަނޑުދަތުރުކުރުމަކީ ރައްކާތެރި ކަމެއް ނޫނެވެ.