އިންސާނުންނަށް މިއަދު ކުރިމަތިވެފައިވާ އިޖްތިމާއީ އަދި އިގްތިސާދީ ބަލިމަޑުކަމުގެ ތެރޭގައި އިސްރާފު ކުރުން ހިމެނޭ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.
"އިސްރާފުކުރުމުގެ ނުބައިކަން" މިމައުޟޫގެ މައްޗައް ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ހުކުރު ޚުތުބާގައި ބުނީ އިސްރާފުކުރުމަކީ އެކަމުގެ ގެއްލުން ސިއްހީ ގޮތުންނާއި މާލީގޮތުން މުޖުތަމައުއަށް ފޯރާ ކަމެއް ކަމަށެވެ. ރޯދައަކީ ހަށިގަނޑު ދުޅަހެޔޮކޮށް ދޭ އަޅުކަމަކަށްވާއިރު ރޯދައިން މަގުސަދު ހާސިލްކުރެވޭނީ އިސްރާފު ކުރުމާއި ދުރުހެލިވެގެންނެވެ. އަދި ތިންއިރުގެ ކޮއްތު ދެއިރަށް ބަދަލުވުމުން ރަމަޟާންމަހުގައި ހަރަދުތައް ކުޑަވާންޖެހޭނެ ކަމަށް ވެސް ހުކުރު ޚުތުބާގައި ބުންޏެވެ.
ރަމަޟާން މަހަކީ އާންމު ގޮތެއްގައި މުސްލިމުންގެ އިސްރާފު ބޮޑު މަހެއްކަން ފާހަގަކުރައްވައި ޚުތުބާގައި ބުނީ ރަމަޟާންމަހު ރޯދަވީއްލުމަށްޓަކައި ތަފާތު އެތައް ބާވަތެއްގެ ކާބޯތަކެތި ތައްޔާރުކުރުމަކީ މިއަދުގެ ދުނިޔޭގައި މުސްލިމުންގެ އާދަ ކަމަށެވެ. މީގެ ތެރެއިން އެމީހުންނަށް ކައިބޮއި ހެދެނީ ބަރަށް މަދު އެތިކޮޅެއް ކަމަށާއި، ކެއުމަށް ތައްޔާރުކުރާ ގިނަ އެއްޗެހިތައް އުކާލެވެނީ ކުނި ގޮނޑަށް ކަމަށެވެ. ޚުތުބާގައި ބުނީ އިސްރާފު ކުރުމަކީ މުސްލިމުންގެ ސިފައެއް ނޫން ކަމަށާއި އެއީ ޝައިތާނާގެ ސިފައެއް ކަމަށެވެ.
ޚުތުބާގައި ބުނީ އިސްރާފަކީ ކޮންމެ ކަމެއްގައި ވެސް ހައްދުފަހަނައަޅައި ދިއުން ކަމަށެވެ. އެއީ ހަމައެކަނި ކެއުން ބުއިމާއި ޚަރަދު ބަރަދާ ގުޅިފައިވާ ކެމެއް ނޫން ކަމަށާއި، އުރެދުންތަކަށް އަރައިގަތުމަށް ގިނަކޮށް ކުފްރުވުމާ ހަމައަށް ހިނގައްޖެނަމަ އެއީ އިސްރާފު ކުރުން ކަމަށެވެ.
މާތް ﷲ ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނަގައިވެއެވެ، " އަދި ހަމަކަށަވަރުން، ފިރުއައުނަކީ ބިމުގައި ވަރަށް ބޮޑާވެގެން އުޅުނު މީހެކެވެ. އަދި ހަމަކަށަވަރުން، އޭނާވަނީ، ( އަނިޔާވެރިކަމާ ފާސިދު ވެރިކަމުގައި) ހައްދުފަހަނައަޅައިފައިވާ މީހުންގެ ތެރެއިންނެވެ."
ހުކުރު ޚުތުބާގައި ބުނީ ތަނަވަސްކަމުގެ ހަޔާތް ބައެއްގެ މައްޗަށް ވެރިވެގެންފިނަމަ ފާސިގުކަމާ ފަސާދައިގެ ދޮރުތައް ހުޅުވިގެންދާ ކަމަށާއި، ތަނަވަސްކަމާ މުއްސަންދިކަން އިންސާނުންގެ ތެރެއިން ބަޔަކަށް ލިބިއްޖެނަމަ އެމީހުންގެ ޚަރަދުތައް އިތުރުވެ ހޭދަކުރުން ގިނަވާނެ ކަމަށެވެ. އަދި މުދާތައް ބޭކާރު ގޮތުގައި ނަގާލާނެ ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.
މާތް ﷲ ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގެވެއެވެ،"ﷲ، އެކަލާނގެ އެންމެހައި އަޅުންނަށް ރިޒުގު ތަނަވަސްކޮށްދެއްވައިފިނަމަ ބިމުގައި އެއުރެން ބޮޑާވެ އަނިޔާވެރިވެ ގެންފީހެވެ."
އެހެންވެ ހުރިހާ ކަމެއްގައި އިގްތިސާދު ކުރުމަށާއި އިސްރާފު ނުކުރުމަށް މާތްﷲ އަމުރު ކުރައްވާފައިވާ ކަމަށެވެ.
ހުކުރު ޚުތުބާގައި ބުނީ ކާބޯތަކެއްޗާ ދަނޑުވެރިކަމާ ބެހޭ އދގެ ދިރާސާއެއް ބުނާ ގޮތުގައި ކޮންމެ އަހަރަކު 1.3 ބިލިއަން ޓަނުގެ ކާބޯތަކެތި ކުނީގެ ގޮތުގައި ދުނިޔޭގެ އެކިކަންކޮޅުތަކުން އުކާލާ ކަމަށާއި، އެއީ ދުނިޔޭގައި އުފައްދާ ކާބޯތަކެތީގެ ތިންބައި ކުޅަ ދެބަ ކަމަށެވެ. އެއީ ފައިސާއަށް ބަލާއިރު 750 ބިލިއަން ޑޮލަރު ކަމަށެވެ. ދުނިޔޭގައި 870 މިލިއަން މީހުން ބަނޑަށް ޖެހިފައިވާއިރު މިއީ ބޮޑުވެގެންވާ އިސްރާފެއްކަން ފާހަގަކުރައްވައި ޚުތުބާގައި ބުނީ ފަގީރު ގައުމު ތަކުގައި މިލިޔަނުން މިލިޔަނުން މީހުން ބަނޑަށް ޖެހިގެން މަރުވަމުންދާއިރު ޔޫރަޕް ގައުމުތަކުން 19 ބިލިޔަން ޑޮލަރު ކާބޯތަކެތި ގޮނޑަށް އުކާލާ ކަމަށެވެ.