ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަން ރާއްޖޭގެ ރައްޔިތުންގެ އަތުން ބީވެ ދަނީ ކަމަށާއި ރާއްޖެ އަލުން އަނބުރާ ޚުދުމުޚުތާރު ވެރިކަމަކަށް މިސްރާބު ޖަހަން ފަށައިފި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް އެމަނިކުފާނު ކުރިއަށް ގެންދަވާ 'ޖަޒީރާ ރައީސް' ކެމްޕޭންގެ ތެރެއިން ރ.ދުވާފަރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަނީ ރިޔާސީ ނިޒާމުގެ ހުރިހާ ބާރުތައް އެއްކުރައްވާފައިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ރައީސް ޔާމީންގެ އަތްޕުޅަށް ހުރިހާ ބާރެއް ގެންނަވާފައިވާ ކަމަށާއި އެގޮތުން ރާއްޖޭގެ ޝަރީއަތް ކުރުމުގެ ނިޒާމާއި ގާނޫނު ހެދުމުގެ ނިޒާމު އޮތީ އެމަނިކުފާނުގެ އަތްޕުޅުގައި ކަމަށެވެ.
"ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން. އެތަނުން ޓިނު ނަންގަވައިގެން ރައީސްޔާމީން އެތަނަށް އެރި ދެފަނޑީޔާރުން ހައްޔަރު ކުރައްވައި އުއްތަމަ ފަނޑިޔާރާއި އެކު. ރައީސް ޔާމީން ރާއްޖޭގެ ޝަރީއަތް ކުރުމުގެ ނިޒާމު ރޫޅާލައިފި. ރައްޔިތުންގެ މަޖިލީހަށް ފުލުހުންނާއި ސިފައިން ވަދެ އެތަން ހިސޯރުކޮށްފައި. މުސްތަގިއްލު މުއައްސަސާތައް މުސްތަގިއްލެއް ނޫން. އެންޓި ކަރަޕްޝަން ކޮމިޝަނެއް ނުހިނގާ. ހިއުމަން ރައިޓްސް ކަމިޝަނެއް ނުހިނގާ. ކޮމިޝަންތައް ވަނީ ރައީސް ޔާމީންގެ މުށުތެރޭގައި ފިތިފައި" ރައީސް ނަޝީދު ވިދާޅުވިއެވެ.
އަލުން އަނބުރާ ޚުދުމުޚުތާރު ނިޒާމަކަށް ރާއްޖެ ދާކަމަށް ވިދާޅުވެ، ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ ވަނީ މިއަދު އިންތިހާއަށް ދަރަނިވެރިވެފައިކަމަށެވެ. ދަރަނިވެރިވުމުން އެދަރަނިތައް ދައްކަން ރާއްޖޭގެ ރަށްތައް ވިއްކާލަނީ ކަމަށާއި އޭރުން އެ ގެއްލެނީ ރައްޔިތުންގެ އިސްތިގުލާލު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ ދިވެހިރާއްޖޭގެ އިސްތިޤްލާލަށް އެހެން ޤައުމެއްގެ ބާރު ފޯރުވުމުން އިންޑިއާ ކަނޑުގެ ސުލްހަ ގެއްލޭނެކަމަށެވެ. ރާއްޖެ ހަނގުރާމައެއްގެ ވިލާގަނޑެއްގެ ދަށުގައި ތަރައްގީއެއް ނުހޯދޭނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.