ހުމާއި ރޯގާ ފެތުރެމުންދާތީ ރާއްޖޭގެ ސްކޫލުތައް ބަންދުކުރަން ނިންމާފައި ނުވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ބައެއް ސްކޫލުތައް ބަންދުކުރީ އިމްތިޙާނުތައް ނިމުމުންކަމަށާއި، ރޯދަ މަހަށް ވެފައި ޓެސްޓު ޕޭޕަރުތައް މާކްކޮށް ހެދުމަށް ޓީޗަރުންނަށް ވެސް ލުއެއް ދިނުމުގެ ގޮތުންކަމަށެވެ.
ހުން ފެތުރެމުންދާތީ ސްކޫލުތައް ބަންދުކުރީ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށް މިނިސްޓްރީން ބުނީ ޕްރައިމަރީ ސްކޫލުތަކުން ސްކޫލުގައި އެސެސްމަންޓުތައް ކުރިއަށް ގެންދާނަމަ، ކިޔެވުމާއެކު ކުރިއަށް ގެންދިޔުމަށް ސްކޫލުތަކަށް އަންގާފައިވާ ކަމަށެވެ.
މި އަހަރުގެ ފުރަތަމަ ޓާމް އަންނަ މަހުގެ ހަތްވަނަ ދުވަހު ނިންމައި، ހަފުތާގެ ބަންދަށް ފަހު ދެން ކިޔެވުން ފެށޭނީ ޖޫން 18 ގަ އެވެ.
ޑެންގީއާ ރޯގާ ރާއްޖޭގައިހަލުވިކަމާއެކު ފެތުރެމުންދާތީ ސްކޫލުތަކުގެ ކިޔެވުން ބަންދު ކޮށްދިނުމަށް ގިނަ ބެލެނިވެރިން ދަނީ އެދެމުންނެވެ. އަދި ރޯގާ ފެތުރެމުންދާތީ އެކަމުން ރައްކާތެރިވެތިބުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.