ބޭސްފަރުވާއާއި އެހެނިހެން ކަންތައްތަކުގައި އާންމުކޮށް ދިވެހިން ގޮސްއުޅޭ އަވަށްޓެރި އިންޑިއާގެ ކެރެލާގައި މިހާރު ފެތުރެމުންދާ ނުރައްކާތެރި ނިޕާ ވައިރަސް ރާއްޖޭގައި ފެތުރުމުގެ ފުރުސަތު އެބައޮތް ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.
އެޗްޕީއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ވައިރަސް ފަތުރާ ވާލުގެ ބާވަތް، ޓްރޯޕަސް ވާލު ނޫނީ ފުރުޓް ބެޓް ވާ ރާއްޖޭގައި އުޅެމުން އަންނާތީ އެބަލި ފެތުރުމުގެ ބިރު އެބައޮތް ކަމަށެވެ.
އެޗްޕީއޭއިން ބުނީ ނިޕާ ވައިރަސް މިވަގުތު ރާއްޖޭގައި ނެތް ނަމަވެސް، ދިވެހިންނަކީ އެކި ބޭނުމުގައި އިންޑިއާއަށް ދަތުރުކުރާ ބަޔަކަށް ވާތީ މި ވައިރަސް ރާއްޖެ އައުމުގެ ފުރުސަތު އޮތް ކަމަށެވެ. އިންޑިއާގެ ކެރެލާ ސްޓޭޓަށް ދަތުރު ކުރާ މީހުން އެ ސްޓޭޓްގެ އުތުރުގެ ހަތަރު ސަރަހައްދު ކޮޒިކޯޑް، މަލަޕުއްރަމް، ވަޔަނާޑް އަދި ކަންނޫރަށް ދަތުރު ކުރާއިރު ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން އުޅެން ޖެހޭ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.
ނިޕާ ވައިރަސް އާންމުކޮށް ފަތުރެނީ، ބަލި ފަތުރާ ވާ ކައިފައިވާ ކާތަކެތި ނޫނީ ކުޅާއި ކުޑަކަމުދާ ތަކެތި ޖެހިފައިވާ މޭވާ ކެވުމުގެ ސަބަބުންނެވެ. އަދި ބަލި ޖެހިފައިވާ މީހާޔާ ކައިރީގައި އުޅޭ މީހުންނަށް ވެސް އެ ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ.
މިބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުން ގައިގައި ރިއްސުން، ކަރުތެރެ ސަކަރާތްވުން ފަދަ ކަންކަން ދިމާވާނެ އެވެ. ބޮޑަށް މި ވައިރަސްގެ އަސަރުކޮށްފި ނަމަ ހޭނެތުމާއި ފިޓް ޖެހުން ފަދަ ކަންކަމާ ވެސް ކުރިމަތިވާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެޗްޕީއޭއިން ބުނީ ނިޕާ ވައިރަސްގެ ވަކި ޚާއްސަ ފަރުވާއެއް ނެތް ކަމަށާއި އެހެން ނަމަވެސް ޑެންގީ އާއި ޒިކާ ފަދަ ބަލިތަކަށް ފަރުވާދޭ ފަދައިން މިބައްޔަށް ފަރުވާދެވޭނެ ކަމަށެވެ.
މިބަލިން ރައްކާތެރިވުމަށް ގަސްގަހުގައިވާ މޭވާ އާއި ރުކުރާ ނެގުމުގައި ވާލުން ރައްކާތެރިކުރުމުގެ އިތުރުން މޭވާ މަށައިގެން އަދި ދޮވެގެން ބޭނުން ކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.
އެޗްޕީއޭއިން ބުނީ ޑަބްލިއުއެޗްއޯގެ އިރުޝާދުގެ ދަށުން ފިޝަރީޒް މިނިސްޓްރީއާ ވެސް ގުޅިގެން މި ވައިރަސްއިން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ދުރާލާ އަޅަމުން އަންނަ ކަމަށެވެ.