ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުލަތުން ކުރާ އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާގެ ބުރާސްފަތި ދުވަހުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.
ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އަދުލްއިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ ކުރަނީ ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތު މިދިއަ ފެބްރުއަރީ މަހު ފަސް ވަނަ ދުވަހުގެ ރޭ ކުއްލި ނުރައްކަލުގެ ހަލަތު އިއުލާން ކުރުމަށްފަހު އެ ތިން ބޭފުޅުން ހައްޔަރުކޮށް، ފުލުހުން ހިންގަމުންދިޔަ ތަހުގީގަށް ފޯން ދޭން އެންގުމުން އެކަމަށް އިންކާރު ކުރެއްވި ކަމަށް ބުނެ އެވެ.
މިމައްސަލާގައި ބުރާސްފަތި ދުވަހުގެ އަޑުއެހުން ކެންސަލްކުރި ވަކި ސަބަބެއް ކްރިމިނަލް ކޯޓުން ހާމައެއް ނުކުރެ އެވެ. ބާއްވަންއޮތް މި އަޑުއެހުމަކީ ދެ ފަރާތުން ހެކި ހުށަހެޅުމުގެ އަޑުއެހުމެކެވެ.
މީގެކުރިންވެސް މިމައްސަލައިގެ އަޑުއެހުންތަކެއް ކެންސަލް ކޮށްފައި ވެއެވެ. ބައެއް އަޑުއެހުންތައް ކެންސަލް ކޮށްފައިވަނީ ރައީސް މައުމޫންގެ ބަލިހާލުކޮޅާއި ގުޅިގެން ކޯޓަށް ހާޒިރު ނުކުރެވިގެން ނެވެ.
އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ކުށުގެ ދައުވާ ރައީސް މައުމޫނާއި އެ ދެ ފަނޑިޔާރުންގެ މައްޗަށް ކުރާއިރު، އިތުރު ދައުވާތަކެއްކޮށް ޝަރީއަތްތަކެއް ވެސް ދަނީ ކުރަމުން ނެވެ.
އެގޮތުން ރައީސް މައުމޫންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާއެއް ވެސް ކުރެ އެވެ. އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށް ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ އެ ދެ ފަނޑިޔާރުންގެ މައްޗަށް ވެސް ކުށް ސާބިތުވާ ކަމަށް ނިންމައި، 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށް ލުމަށް ކޮށްފަ އެވެ.
ހުކުމް ބާތިލް ކުރުމަށް ހުށަހަޅާފައިވާ މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުން ބާއްވަން ތާވަލުކޮށްފައި ވަނީ ވަކި ދެ މައްސަލައެއް ގޮތަށެވެ.
މީގެއިތުރުން ރިޝްވަތު ހިފުމުގެ ދައުވާއަކާއި ޓެރަރިޒަމްގެ ދައުވާއެއް ވެސް އެ ދެ ފަނޑިޔާރުންގެ މައްޗަށް ކުރެ އެވެ. އެބޭފުޅުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ސާބިތުވެއްޖެ ނަމަ 17 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
މިދިޔަ ފެބްރުއަރީ މަހު ސުޕްރީމް ކޯޓުގައި ގަވަމެންޓް އީލެޓަރ މެނޭޖުމަންޓް ސިސްޓަމް (ޖެމްސް) ހިދުމަތް މެދުކަނޑާލަން އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު އެންގެވިކަން ސާބިތުވާކަމަށް ކަނޑައަޅައި، އެމަނިކުފާނު ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވެއެވެ.