މަޝްހޫރު ދީނީ އިލްމުވެރިޔާ، އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީގެ މައްޗަށް އިސްލާމީ މަރުކަޒުގައި އިޝާ ނަމާދަށްފަހު ޣައިބުގައި ކުރި ކަށުނަމާދުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެއްޖެއެވެ.
ޑރ. މަޖީދުގެ މައްޗަށް ޣައިބުގައި ކުރި ކަށުނަމާދުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަބްދުﷲ ޖިހާދު ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ފަރާތްތަކާއި ޑރ. މަޖީދުގެ ގާތްތިމާގެ މީހުން ވަނީ ކަށުނަމާދުގައި ބައިވެރިވެފައެވެ.
ޑރ.މަޖީދު އަވަހާރަވީ ލަންކާ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މެއި 22 ވަނަ ދުވަހުއެވެ.
ގުރުއާނުގެ އިލްމު ފެތުރުއްވުމުގައި ބުރަ މަސައްކަތްތަކެއް ކުރެއްވި ޑރ. މަޖީދަކީ ތަފްސީރު އިލްމުން ޕީއެޗްޑީ އެންމެ ފުރަތަމަ ނެންގެވި ބޭފުޅާއެވެ. ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ރައީސްކަން ވެސް ކުރެއްވި ޑރ. މަޖީދު ވަނީ އެމްޑީޕީ ސަރުކާރުގެ ތިން އަހަރު އިސްލާމިކް މިނިސްޓަރުކަން ކުރައްވާފައެވެ.