އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގްގައި ސައުތެމްޓަންއާ ދެކޮޅަށް ކުޅޭ މެޗަށް ފިލިޕޭ ކުޓީނިއޯ ބޭނުންކުރުމާ މެދު އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.
ކުޓީނިއޯ ކުޑަ ހުޅަށް އަނިޔާވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު ސަންޑަލޭންޑާއި ދެކޮޅަށް ކުޅުނު މެޗުގަ އެވެ. މި އަނިޔާއިން ސަލާމަތްވެ ކުޓީނިއޯ ވަނީ މީގެ ހަތަރު ވަރަކަށް ދުވަސް ކުރިން ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފަ އެވެ.
ކްލޮޕް ބުނީ ކުޓީނިއޯ އަށް ލިބުނު އަނިޔާއިން މިހާރު އޭނާ ހުރީ ފިޓުވެފައި ކަމަށާ އެހެން ނަމަވެސް ދިގު މުއްދަތަކަށް ކުޅުމާއި ދުރުގައި ހުރި ކުޅުންތެރިޔަކު އަވަސް އަރުވާލައިގެން ކުޅުމުގެ ތެރެއަށް ނުކުތުމަކީ އެހާ ރަނގަޅު ކަމެއް ނޫން ކަމަށެވެ.
ކްލޮޕް ބުނީ ބުދަ ދުވަހުގެ ރޭގެ މެޗުގެ ވަކި ހިސާބަކުން ކުޓީނިއޯ ނުފެންނާނެއޭ ބުނަން ނޭނގޭ ކަމަށާއި ނަމަވެސް އޭނާ ބޭނުންކުރުމާ ދޭތެރޭ ވަކި ގޮތެއް އަދި ނިންމާފައި ނުވާ ކަމަށެވެ. އޭނާ ބުނީ ކުޓީނިއޯ އެނބުރި ކުޅުމުގެ ތެރެއަށް އައުމަކީ ޓީމަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
ކުޓީނިއޯ އަކީ މި ސީޒަނުގައި ލިވަޕޫލަށް އެންމެ ރަނގަޅު ކުޅުމެއް ދައްކަމުން އައި ކުޅުންތެރިޔާ އެވެ. ލިބުނު އަނިޔާއާއެކު ކުޓީނިއޯ ނުލައި ލިވަޕޫލް ކުޅުނު ބައެއް މެޗުތަކުން އެޓީމަށް ވަނީ މުހިންމު ޕޮއިންޓުތަކެއް ގެއްލިފަ އެވެ.
ލިވަޕޫލް އެންމެ ފަހުން ލީގު ކަޕް ކާމިޔާބުކުރީ 2012 ވަނަ އަހަރު އެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ ފައިނަލުގައި އެޓީމު ވަނީ މެންޗެސްޓާ ސިޓީ އަތުން ޕެނަލްޓީ ޖަހައިގެން ބަލިވެފަ އެވެ.
މިރޭގެ މެޗުގައި އަނިޔާގެ ސަބަބުން ޓީމުގެ ކެޕްޓަން ޖޯޑަން ހެންޑަސަން އާއި ޖޭމްސް މިލްނާ އަދި ޖޮއެލް މަޓިޕް ފެނިގެން ހިނގައިދާނެ ކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ.