ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އަތޮޅުތަކުގެ ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާ އޮފިޝަލުންނަށް ތަމްރީނު ހިންގުމަށް އަތޮޅުތަކާއި ސިޓީތަކުގައި ޓްރެއިނަރުންގެ ގޮތުގައި ތަމްރީނުކުރާނެ 70 މީހުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފިއެވެ.
ބުދަ ދުވަހު އެ ކޮމިޝަނުނުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ޓެރެއިނަރުންގެ ގޮތުގައި ހަރަކާތްތެރިވާ މީހުންނަށް އޯގަސްޓް 11 އިން 17 އަށް މާލޭގައި ރިޕްރެޝަރ ޕްރޮގްރާމް ހިންގޭނެ ކަމަށެވެ. އަދި އެކަމަށް ކުރަންޖެހޭ އެންމެހައި ޚަރަދެއް އެ ކޮމިޝަނުން ކުރާނެ ކަމަށް ވަނީ ބުނެފައެވެ.
އިލެކްޝަން ކޮމިޝަނުން ބުނީ ޓްރެއިނިންގ ފުރިހަމަކުރައްވާ ފަރާތްތައް އެ ކޮމިޝަނާއެކު އިޤްރާރު ކުރެވި، އަތޮޅުގައި ޓްރެއިނިންގ ހިންގާ ކޮންމެ ދުވަހަކަށް -/700 ރުފިޔާގެ އުޖޫރައެއް ދެވޭނެކަމަށެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 ޖޫން 2018 ވާ ބުރާސްފަތި ދުވަހުގެ 2:00 ގެ ކުރިން އެ ކޮމިޝަނަށް އެޕްލިކޭޝަން ފޯމް ހުށަހެޅުއްވުމަށް ވަނީ އެދިފައެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތަކަކީ އިންތިޚާބަށް ތަމްރީނުކުރަންޖެހޭ އެކި ފަރާތްތައް ތަމްރީނުކުރެވޭނެ ފެންވަރު ހުރުމާއި، މަސައްކަތާއި ގުޅޭ ދާއިރާއިން ސެޓްފިކެޓް ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއި، ކިޔަވައި ދިނުމާއި، ތަމްރީނު ދިނުމުގެ ދާއިރާގައި އުޅެ ތަޖުރިބާ ލިބިފައިވުން ނުވަތަ، ވޭތުވެ ދިޔަ އިންތިޚާބުތަކުގައި އުޅެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމެވެ.
ޓްރެއިންނަރުންގެ މަސްއޫލިއްޔަތަކީ ރިޔާސީ އިންތިޚާބުގައި މަސައްކަތްކުރާ އޮފިޝަލުން ތަމްރީނުކުރުމާއި، ރިޔާސީ އިންތިޚާބުގައި އަތޮޅުތަކަށް ފޮނުވާ ވޯޓު ކަރުދާސްތަކާއި ކަމާބެހޭ އެހެނިހެން ސާމާނު މާލެއިން އަތޮޅުތަކަށް ގެންދިޔުމާއި އަދި ވޯޓުލާ ނިމުމުން އެ ތަކެތި އަނބުރާ މާލެ ގެނައުމާއި، ވޯޓުލާ ދުވަހު ކޯޑިނޭޓަރެއްގެ ހައިސިއްޔަތުން ކޮމިޝަނުގެ ލަފާގެ މަތިން ދޭންޖެހޭ ފަންނީ ލަފަޔާއި އެހީތެރިކަން ވޯޓުލާ މަރުކަޒުގެ ވެރިންނަށް ދިނުމާއި، ރިޔާސީ އިންތިޚާބު ނިމުމުން މަސައްކަތް ހިނގައި ދިޔަގޮތާބެހޭ ރިޕޯޓެއް ތައްޔާރުކޮށް ކޮމިޝަނަށް ހުށަހެޅުމެވެ.