ސްޕެނިޝް ކަޕުގެ ގަދަ 16ގެ ދެވަނަ ލެގުގައި ލަސް ޕަލްމާސް އަތުން 2-3 އިން ބަލިވި ނަމަވެސް 4-3 ގެ އެގްރިގޭޓް ނަތީޖާއަކުން މުބާރާތުގެ ކުއާޓާ ފައިނަލަށް އެތުލެޓިކޯ މެޑްރިޑް ދަތުރުކޮށްފި އެވެ.
މި ދެޓީމު ވާދަކުރި ފުރަތަމަ ލެގުގެ މެޗު 0-2 އިން ކާމިޔާބުކުރީ އެތުލެޓިކޯ އެވެ. އެހެން ކަމުން މުބާރާތުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކުރީ ދެ ލެގުގެ އެގްރިގޭޓުން ކުރި ހޯދައިގެންނެވެ.
އެތްލެޓިކޯގެ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު، ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވެ އެންޓޮއިން ގްރިޒްމަން ވަނީ އެތުލެޓިކޯއަށް ލީޑު ނަގައިދީފަ އެވެ.
ލަސް ޕަލްމާސްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަ މެޗުގައި އެޓީމުން ވަނީ ދެވަނަ ހާފުގައި އެތުލެޓިކޯގެ ހާފަށް ބާރުބޮޑުކޮށްފަ އެވެ. އެގޮތުން 57 ވަނަ މިނެޓުގައި މާކޯ ލިވާޖާ ވަނީ އެޓީމަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.
ލަސް ޕަލްމާސް އިން ލަނޑެއް ޖެހިތާ ހަތަރު މިނެޓް ފަހުން އެންހެލް ކޮރީއާ ވަނީ އިތުރު ލަނޑެއް ޖަހައި ދެވަނަ ފަހަރަށް އެތުލެޓިކޯއަށް ފަރަގު ބޮޑު ކޮށްދީފަ އެވެ. އެހެން ނަމަވެސް މާކޯ ލަވާޖާ ވަނީ އިތުރު ލަނޑެއްޖަހައި ދެވަނަ ފަހަރަށް އެޓީމަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.
މިނަތީޖާގައި އޮވެ މެޗު ނިމެން ދަނިކޮށް ލަސް ޕަލްމާސްގެ މަޓިއޯ އެޒެކުއިލް ގާސިއާ ވަނީ 90 ވަނަ މިނެޓުގައި އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުން އެޓީމަށް ތިން ޕޮއިންޓް ހޯދައިދީފަ އެވެ. މުބާރާތުގެ ކުއާޓާ ފައިނަލަށް އެތުލެޓިކޯ ދަތުރުކޮށްފައިވާ އިރު، ކުއާޓާގެ ޖާގައެއް ހޯދުމަށް ބާސެލޯނާއިން މިރޭ އެތުލެޓިކޯ ބިލްބާއޯއާ ދެކޮޅަށް ނުކުންނާނެ އެވެ. މި ދެޓީމު ގަދަ 16 ގެ ފުރަތަމަ ލެގުގައި ބައްދަލުކުރި މެޗު 1-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބިލްބާއޯ އެވެ.
ބާސާގެ ދަނޑުގައި ކުޅޭ މިމެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 1:15 ގަ އެވެ.