ބޭސްފަރުވާއާއި އެހެނިހެން ކަންތައްތަކުގައި އާންމުކޮށް ދިވެހިން ގޮސްއުޅޭ އަވަށްޓެރި އިންޑިއާގެ ކެރެލާގައި މިހާރު ފެތުރެމުންދާ ނުރައްކާތެރި ނިޕާ ވައިރަސް މިހާތަނަށް ރާއްޖެއިން ފެނިފައި ނުވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)އިން ބުނެފިއެވެ.
އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވިދާޅުވީ ނިޕާ ވައިރަސްޖެހިގެން އަދި މިހާތަނަށް ރާއްޖޭގައި އެއްވެސް މީހަކު ރިޕޯޓްކޮށްފައި ނުވާކަމަށާއި އެ ރޯގާ ރާއްޖެ އަށް ފެތުރުމުގެ ފުރުސަތު އޮތްތޯ ބެލުމުގެ މަސައްކަތް އެ ޖެންސީއިން ކުރަމުން އަންނަ ކަމަށެވެ.
"އެވައިރަސް ޖެހިގެން މިހާތަނަށް އެއްވެސް ރިޕޯޓެއް އައިސްފައެއް ނެތް. އެހެން ނަމަވެސް ރާއްޖެއަށް ފެތުރުމުގެ ފުރުސަތު އޮތްތޯ ބެލުމުގެ މަސައްކަތް އަންނަނީ ކުރަމުން.އަދި އެކަމާއި ބެހޭގޮތުން ބަލަންޖެހޭކަންތައްތައް އަޅުގަނޑުމެން މިދަނީ ބަލަމުން" މައިމޫނާ ވިދާޅުވިއެވެ.
ޖަނަވާރުގެ ޒަރިއްޔާއިން އިންސާނުންގެ ގަޔަށް އަރާ ނުރައްކާތެރި ނިޕާ ވައިރަސް ޖެހިގެން އިންޑިއާއިން މިހާތަނަށް ނުވަ މީހުން މަރުވެފައި ވާއިރު މި ބަލި އަދިވެސް ދަނީ އިންޑިއާގައި ހަލުވިކަމާއި އެކު ފެތުރެމުންނެވެ.
މިބަލީގެ އަލާމާތްތަކުގެ ތެރޭގައި ގަދައަށް ހުންއައިސް ހޮޑުލެވުމާއި، ބަނޑުގައި ރިއްސުމާއި، ބޮލުގައި ރިއްސުން ހިމެނެއެވެ. މި ވައިރަސްއަށް އެއްވެސް ކަހަލަ ވެކްސިނެއް މިހާތަނަށް ހޯދިފައި ނުވާއިރު ނިޕާ ޖެހޭ މީހުންގެ ތެރެއިން 70 އިންސައްތަ މީހުން މަރުވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.