ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ ޢަބްދުލް މަޖީދު ޢަބްދުލް ބާރީގެ މައްޗަށް ޣައިބުގައި ކުރެވޭ ކަށުނަމާދު މިރޭ ޢިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި އޮންނާނެއެވެ.
ކޮޅުނބުގައި އަވަހާރަވި އެންމެ ފުރަތަމަ އިސްލާމިކް މިނިސްޓަރ ޑރ. މަޖީދުގެ މައްޗަށް ކުރެވޭ ކަށުނަމާދު ކުރުމާއި ޖަނާޒާގެ ކަންތައް އޮންނާނީ ކޮލަމްބޯގެ ޖާވައްތަ މުސްލިމް ސަހަރާގައި މިއަދުގެ މެންދުރު ނަމާދަށް ފަހުގައެވެ. އަދި އެމަނިކުފާނު މޫނުފުޅު ދެއްކެން މިއަދުގެ ހެނދުނު 10:00 ން ފެށިގެން މެންދުރު ވަގުތާ ހަމައަށް ކުރިއަށް ގެންދެވުމަށް ވަނީ ހަމަޖެހިފައެވެ.
ވީހާވެސް ގިނަ ބަޔަކު ޖަނާޒާއާއި ކަށުނަމާދުގައި ބައިވެރިވުމަށް އެންމެފުރަތަމަ ފިގުހު ކޮމެޓީގެ އެންމެ ފުރަތަމަ ރައީސް ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީގެ އާއިލާއިން އެދެއެވެ.
ޑރ. މަޖީދު އަވަހާރަވީ ލަންކާ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް އިއްޔެގެ ވަގުތެއްގަ އެވެ. ސްރީލަންކާއަށް ވަޑައިގެން އުޅުއްވަނިކޮށް، ސްޓްރޯކެއް ޖެހިވަޑައިގެން ހާލު ކުއްލި ގޮތަކަށް ސީރިއަސްވެގެން ލަންކާ ހޮސްޕިޓަލުގައި ޑރ. މަޖީދަށް ފަރުވާ ދޭން ފެށީ މިދިޔަ ހުކުރު ދުވަހުއެވެ. ޑރ. މަޖީދުގެ ހާލުކޮޅު ގޯސްވެ ފާއިތުވި ދެތިން ދުވަހު ނޭވާލައްވަމުން ގެންދެވީ ވެސް ވެންޓިލޭޓަރުގެ އެހީގައެވެ.
ޑރ. މަޖީދަކީ މަދީނާ ޔުނިވާސިޓީން ޕީއެޗްޑީ ނެންގެވި ފުރަތަމަ، އަދި ހަމަ އެކަނި ދިވެހި އިލްމުވެރިޔާ އަށެވެ. ޤުރުއާން ތަފްސީރުން ޕީއެޗްޑީ ޙާސިލް ކުރައްވައިގެން ހުންނެވި ޑރ މަޖީދުގެ ތީސިސް ބިނާކުރައްވާފައިވަނީ ރާއްޖޭގެ ޒަކާތުގެ ކަންކަން ހަރުދަނާކުރުމުގެ ގޮތުންނެވެ. އަދާލަތު ޕާޓީގެ އެންމެ ފުރަތަމަ ރައީސަކީ ޑރ މަޖީދެވެ. އެޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ފުރަތަމަ ރައީސަކީވެސް އެމަނިކުފާނެވެ. އަދި ރާއްޖޭގައި އުފެއްދި ފުރަތަމަ ފިގުހު އެކަޑަމީގެ ފުރަތަމަ ރައީސަކީވެސް ޑރ މަޖީދެވެ. މީގެ އިތުރުން ރާއްޖޭގައި އުފެއްދި ފުރަތަމަ އިސްލާމިކް ބޭންކު އުފެއްދުމުގައި އަމަލީ ގޮތުން އެމަނިކުފާނު މަސައްކަތް ކުރެއްވި އެވެ. އަދި މޯލްޑިވްސް އިސްލާމިކް ބޭންކާއި ބޭންކް އޮފް މޯލްޑިވްސްގެ އިތުރުން އެމްއެމްއޭގެ ޝަރީއާ ބޯޑުގެ މެންބަރުކަން ޑރ. މަޖީދު ކުރެއްވިއެވެ.