މެދުތެރޭ އެފްރިކާގެ ގައުމެއް ކަމުގައިވާ އިކުއަޓޯރިއަލް ގިނީއާ އެކު ރާއްޖެއިން ސިޔާސީ ގުޅުން ގާއިމު ކޮށްފިއެވެ.
އެމެރިކާގެ ނިއުޔޯކުގައި ހުންނަ އިކުއަޓޯރިއަލް ގިނީގެ ދާއިމީ މިޝަންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ދެގަމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރުމަށް އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.
އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ނިއުޔޯކުގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދެވެ. އިކުއަޓޯރިއަލް ގިނީގެ ފަރާތުން ސޮއިކުރެއްވީ ދާއިމީ މަންދޫބު އަނަޓޯލިއޯ ންޑޮންގް މްބާއެވެ.
ފޮރިން މިނިސްޓްރީން ބުނީ ސިޔާސީ ގުޅުން ގާއިމްކުރުމުގެ ކުރިން ވެސް ދެ ގައުމުން ވަނީ ގުޅިގެން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި އދ. ގެ އެންމެ ނުފޫޒު ގަދަ ކައުންސިލް ކަމަށްވާ ސެކިއުރިޓީ ކައުންސިލްގެ މެމްބަރު ކަމަށް ވެސް ދެ ގައުމުގެ އެއްބާރުލުން ލިބޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ފަހަކަށް އައިސް ރާއްޖެ އިން އަންނަނީ އެފްރިކާގެ އެކި ގައުމުތަކާ ސިޔާސީ ގުޅުން ގާއިމުކުރަމުންނެވެ. އެގޮތުން އައިވަރީ ކޯސްޓާއި ޒެމްބިއާ އަދި ކޮންގޯއާ އެކު ސިޔާސީ ގުޅުން ގާއިމްކޮށްފައިވެ އެވެ.