ވެރިކަންކުރާ ޕާޓީ ޕީޕީއެމްގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނީ އެޕާޓީގެ މުސްތަޝާރު އަދި މިހާރުވެސް ވެރިކަމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީންކަމަށް އެޕާޓީގެ ކައުންސިލުން ނިންމައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ އަންގާރަ ދުވަހުގެރޭ 12 ޖަހަން ކައިރިވެފައިވަނިކޮށް ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲއެވެ. ނޫސްވެރިންގެ މި ބައްދަލުވުމުގައި ޕީޕީއެމް ކައުންސިލްގެ ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. ޕީޕީއެމްއިން ބުނީ އެޕާޓީގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދޭން ނިންމީ އަންގާރަ ދުވަހުގެ ރޭ ބޭއްވި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާޤުން ކަމަށެވެ.
ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް ދޭން ޕީޕީއެމް ކައުންސިލުން ނިންމި ނަމަވެސް، އެޕާޓީގެ އަސާސީ ޤަވާޢިދު ބުނާ ގޮތުން އެޕާޓީގެ ރިޔާސީ ޓިކެޓް ދޭން ޖެހޭނީ ޕްރައިމަރީއެއް ބާއްވައިގެންނެވެ. އަދި ޕްރައިމަރީއަށް އެންމެ ފަރާތަކުން ކުރިމަތިލައިފިނަމަ، އެމީހަކަށް ރިޔާސީ ޓިކެޓް ދޭން ފެނޭތޯ ވޯޓެއް ނަގަން ޖެހެއެވެ. ޕާޓީގެ ކޮންގްރެސްއިން ފާސްކޮށް، ސިޔާސީ ޕާޓީތަކުގެ ޤާނޫނުން ބާރު ލިބިގެން ހަދާފައިވާ އަސާސީ ޤަވާޢިދުގައި ވަކި ގޮތަކަށް ކަންތައް ކުރަން ޖެހޭކަމަށް ބަޔާންކޮށްފައިވާ ކަމެއް، ޕާޓީގެ ކައުންސިލަށް ބަދަލުނުކުރެވޭނެ ކަމަށް ޕީޕީއެމްގައި މީގެ ކުރިން އިސްކޮށް އުޅުއްވި ބައެއް ބޭފުޅުން ފާހަގަކުރައްވައެވެ.
ޕީޕީއެމްގެ އަސާސީ ޤަވާޢިދުގައި ރިޔާސީ ޕްރައިމަރީއާއި ބެހޭ ގޮތުން ހިމަނާފައިވާ ބައިތަކަށް އެޕާޓީގެ ކޮންގްރެސްއަކުން ބަދަލު ގެނެސްފައެއް ނުވެއެވެ.
ޕީޕީއެމްއިން ކުއްލި ގޮތަކަށް ރިޔާސީ އިންތިޚާބުގައި އެޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް ޔާމީން ނެރޭނެ ކަމަށް އިއުލާން ކުރީ އިދިކޮޅު މައި ޕާޓީ އެމްޑީޕީއިން އެޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުން މިމަހުގެ 30 ވަނަ ދުވަހު ބާއްވާނެކަން އިއުލާންކޮށް، އެޕާޓީގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލެއްވި ހަމައެކަނި ކެންޑިޑޭޓް ރައީސް ނަޝީދު ވަރަށް ފޯރީގައި ކެމްޕޭން ކުރައްވަމުން ގެންދަވަނިކޮށެވެ. އަދި ރައީސް ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވޭނެ ކަމަށް ސަރުކާރުންނާއި އިލެކްޝަންސް ކޮމިޝަނުން ތަކުރާރުކޮށް ބުނެ، ރައީސް ނަޝީދު ވާދަކުރައްވާ ޕްރައިމަރީއެއް ބާއްވައިފިނަމަ އެމްޑީޕީ އުވާލާނެކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަނުން ދީފައިވަނިކޮށެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުއެވެ. އިންތިޚާބުގައި ރައީސް ޔާމީން ނެރޭނެ ކަމަށް ޕީޕީއެމްއިން ބުނިއިރު، އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ އިންތިޚާބަށް އިދިކޮޅު ފަރާތްތަކުން ނެރޭނީ އެއް ކެންޑިޑޭޓެއް ކަމަށެވެ.