ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ އަދުލު އިންސާފު ގާއިމު ކުރަން ހުރަސްއެޅުމުގެ ދައުވާއާ ގުޅިގެން ދައުލަތުން ހުށަހެޅި ހެކިންގެ މައުލޫމާތު ސިއްރުކޮށްދީ، ސިއްރުން ހެކިބަސް ނެގޭނެ އިންތިޒާމް ހަމަ ޖައްސާދޭން އެދުމުން އެކަމާ މެދު ގޮތެއް ނުނިންމައި ޝަރީއަތް ފެށުމަށް ގާޒީ ނިންމައިފި އެވެ.
މިއީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ރައީސް މައުމޫނުގެ މައްޗަށް އެއްކޮން ކޮށްފައިވާ ދައުވާ އެކެވެ. ނަމަވެސް ރައީސް މައުމޫނުގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން ޝަރީއަތަށް ހާޒިރުކޮށް ނުދެވުނު ދުވަހެއްގައި މި މައްސަލައިގެ އަޑުއެހުމެއް ވަނީ ބާއްވާފަ އެވެ. އެ ދުވަހުގެ އަޑުއެހުމުގައި ކުރިއަށް ގެންގޮސްފައިވަނީ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ ބައި އެވެ. އެ އަޑުއެހުމުގައި ޝަރީއަތުގެ ކުރިން އެ ބޭފުޅުން ހުށަހަޅާފައިވާ ކަންކަމާއި ދައުލަތުން ހުށަހަޅާފައިވާ ކަންކަމާމެދު ގާޒީ ގޮތެއް ނިންމެވި އެވެ. އެހެން ކަމުން އަންގާރަ ދުވަހު ބޭއްވި އަޑުއެހުމުގައި ކުރިއަށް ގެންގޮސްފައި ވަނީ ރައީސް މައުމޫނުގެ ބައި އެކަންޏެވެ.
އަންގާރަ ދުވަހުގެ މެންދުރު ބޭއްވި އަޑުއެހުމުގައި އޮންނާނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށައެޅުންތަކާމެދު ގޮތެއް ނިންމުން ކަމަށް ގާޒީ ވިދާޅުވުމުން މައުމޫނުގެ ވަކީލު މައުމޫނު ހަމީދު ވިދާޅުވީ މި މައްސަލައިގައި ޝަރީއަތުގެ ކުރިން ދައުލަތުން ހުށަހަޅާ ހުށައެޅުންތަކާމެދު މީގެ ކުރިން ގޮތެއް ނިންމާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާފައިވާ ކަމަށެވެ. ނަމަވެސް ގާޒީ ވިދާޅުވީ އެ ދުވަހު ގޮތެއް ނިންމާފައިވަނީ އަބްދުﷲ ސައީދާއި އަލީ ހަމީދުގެ ބައިގައި އެކަނި ކަމަށެވެ. އެހެން ވިދާޅުވެ ޝަރީއަތުގެ ކުރިން ދައުލަތުން އެދޭ ކަންކަން ހުށަހެޅުމަށް ފުރުސަތު ދިނުމުން ދެ ކަމެއް ދައުލަތުގެ ޕްރޮސެކިއުޓަރ ޖެނަރަލްގެ ފަރާތުން ހުށަހެޅުއްވި އެވެ.
އެއީ މި މައްސަލައިގައި މައުމޫނާ ދެކޮޅަށް ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް އަޑު ބަދަލުކޮށް ސިއްރުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ނަގާ ދިނުމަށާއި ހެކިންގެ އެންމެހާ މައުލޫމާތު ސިއްރުކޮށްފައި ބޭއްވުމުގެ ދާއިމީ އަމުރެއް ނެރެދެއްވުމަށެވެ.
އަދި ރައީސް މައުމޫނުގެ ފަރާތުން ވަނީ ޝަރީއަތުގެ ކުރިން 12 ކަމެއް ހުށަހަޅާފަ އެވެ. މި ދައުވާ ބާތިލް ކޮށްދިނުމަށާއި ޝަރީއަތް މެދު ކަނޑާލުމަށް އެދި ޝަރީއަތުގެ ކުރިން ރައީސް މައުމޫނުގެ ފަރާތުން ހުށަހެޅި ސަބަބުތަކުގެ ތެރޭގައި ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް ހަދާފައިނުވާތީ އާއި އަދި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް ވަކިން ފޯމެއް ހަމަޖައްސާފައި ނުވާތީ އާއި ދައުވާގެ ފޯމްގައި ޕްރޮސެކިއުޓަރ ޖެނަރަލްގެ ބަދަލުގައި އެހެން ބޭފުޅަކު ސޮއި ކުރެއްވުމުގައި އަމަލު ކުރައްވާފައިވަނީ ޖިނާއީ އިޖްރާއަތުގެ ގާނޫނުގައިވާ ގޮތުގެ މަތިން ނޫން ކަމަށް ފާހަގަ ކުރައްވައިފައިވެ އެވެ.
އެކަން ކަމަށް ދައުލަތުން ރައްދު ދިންއިރު ދައުލަތުން ދިން ރައްދުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަން މައުމޫނަށް ފުރުސަތު ދީފައިނުވެ އެވެ. އަދި އެކަމަކީ ޝަރީއަތް ކުރުމާ ބެހޭ ގަވާއިދެއް ނެތުމުން ދިމާވާ މައްސަލަތައް ކަމަށާއި މީގެ ކުރިން ބައެއް މައްސަލަތަކުގައި ދައުލަތަށް ރައްދު ދިނުމަށް ފުރުސަތު ޝަރީއަތުން ދެއްވާ ކަމަށް މައުމޫނު ހަމީދު ވިދާޅުވި އެވެ.
މައުމޫނުގެ ފަރާތުން ހުށައެޅި 12 ނުކުތާއަށްފަހު ގޮތެއް ނިންމެވުމާ ދެމެދު ގާޒީ ދެތިން މިނެޓަށް ޝަރީއަތް މެދު ކަނޑާލެއްވި އެވެ. އަދި އެއަށްފަހު ގާޒީ އިއުލާން ކުރެއްވީ މައުމޫނުގެ ފަރާތުން ހުށަހެޅި އެކަން ކަމަކީ ޝަރީއަތް ކުރިއަށް ގެންދިއުމަށް އޮތް ހުރަހެއް ނޫން ކަމުގަ އެވެ. .
ދައުލަތުން ހުށަހެޅި ނުކުތާތަކާމެދު ޝަރީއަތުން ގޮތެއް ނުނިންމަވާ ޝަރީއަތް ކުރިއަށް ގެންދިއުމަށް ގާޒީ ނިންމެވިކަން އިއުލާން ކުރެއްވުމުން މައުމޫނު ހަމީދު ވަނީ ދައުލަތުން ހުށަހެޅި އެއްވެސް ކަމަކަށް ގާޒީ ގޮތެއް ކަނޑަނާޅުއްވާ ކަމަށް ވިދާޅުވެ އެކަން ގާޒީގެ ސަމާލުކަމަށް ވެސް ގެންނަވާފަ އެވެ. އެހެން ނަމަވެސް ގާޒީ އެކަމަށް ބެއްލެވުމެނެތި ދެން ޝަރީއަތް އޮންނާނީ މި މަހުގެ 24 ވަނަ ދުވަހު ކަމަށް އިއުލާން ކުރެއްވުމުން ދައުލަތުގެ ވަކީލާ ވެސް ވަނީ ޝަރީއަތުގެ ކުރިން ހެކިން ރައްކާތެރިކުރުމާ ގުޅޭ ގޮތުން ނެރެދެއްވުމަށް އެދިވަޑައިގެން އަމުރު ނެރެދެއްވާފައިނުވާތީ އެކަމާ މެދު ގޮތެއް ނިންމަވާފައިނުވާކަން ސަމާލުކަމަށް ގެންނަވާފަ އެވެ.
އެހެން ނަމަވެސް ގާޒީ ދެން ވެސް އެކަމަށް އަޅާ ލައްވާފައިނުވެ އެވެ. މައުމޫނު ހަމީދު ވިދާޅުވީ މި މައްސަލައިގައި ޝަރީއަތުގެ ކުރިން ދައުލަތުން ހުށަހެޅި ހުށައެޅުންތަކާމެދު މީގެ ކުރިން ގޮތެއް ނިންމާފައިވާ ކަމަށް ދައުލަތުން ބުނެ ރައީސް މައުމޫނުގެ ބައިގައި ވަކިން ގޮތެއް ނިންމަދޭން އެދުމަކީ ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ސަބަބަކީ މިއީ ތިން ބޭފުޅުންގެ މައްޗަށް އެއްކޮން ހުށަހެޅިގެން އުޅޭ ދައުވާއެއް ކަމަށްވާއިރު ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ވެސް ހުށަހަޅަން ޖެހޭނީ އެއްކޮން ކަމަށެވެ.
މިއަޑުއެހުން ފެށުމުގެ ކުރިންނާއި އަދި ޝަރީއަތުގެ މެދާހިސާބުން ވެސް މައުމޫނުގެ ވަކީލުން ވަނީ އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ރަނގަޅު ނުވާތީ ޝަރީއަތް ފަސްކޮށްލަދެއްވުމަށް އެދިވަޑައިގެންފަ އެވެ. އަދި އެހެން ނޫން ނަމަ ވަކީލުންނާއެކު ވަކިން ބައްދަލު ކޮށްލަން ފުރުސަތު ދިނުމަށް އެދިވަޑައިގެންފަ އެވެ. އެހެން ނަމަވެސް ގާޒީ ނިންމެވީ ޝަރީއަތް މެދު ކަނޑާނުލެވޭނެ ކަމަށާއި އަދި ފަސް ވެސް ނުކުރެއްވޭނެ ކަމަށެވެ.