މަޝްހޫރު ދީނީ އިލްމުވެރިޔާ، އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލްބާރީ އަވަހާރަވެއްޖެއެވެ.
ޑރ.މަޖީދު އަވަހާރަވީ ލަންކާ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގަ އެވެ. ސްރީ ލަންކާއަށް ވަޑައިގެން އުޅުއްވަނިކޮށް، ސްޓްރޯކެއް ޖެހިވަޑައިގެން ހާލު ކުއްލި ގޮތަކަށް ސީރިއަސްވެގެން ލަންކާ ހޮސްޕިޓަލުގައި ޑރ. މަޖީދަށް ފަރުވާ ދޭން ފެށީ މިދިޔަ ހުކުރު ދުވަހުއެވެ.
މަޖީދުގެ ހާލުކޮޅު ގޯސްވެ ފާއިތުވި ދެތިން ދުވަހު ނޭވާލައްވަމުން ގެންދަވަނީ ވެސް ވެންޓިލޭޓަރުގެ އެހީގައެވެ.
ގުރުއާނުގެ އިލްމު ފެތުރުއްވުމުގައި ބުރަ މަސައްކަތްތަކެއް ކުރެއްވި ޑރ. މަޖީދަކީ ތަފްސީރު އިލްމުން ޕީއެޗްޑީ އެންމެ ފުރަތަމަ ނެންގެވި ބޭފުޅާއެވެ. ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ރައީސްކަން ވެސް ކުރެއްވި ޑރ. މަޖީދު ވަނީ އެމްޑީޕީ ސަރުކާރުގެ ތިން އަހަރު އިސްލާމިކް މިނިސްޓަރުކަން ކުރައްވާފައެވެ. އަދި މިހާތަނަށް ވެސް ހުންނެވީ ގައުމީ ޔުނިވަސިޓީގެ ލެކްޗަރައަކަށެވެ.
ޑރ. މަޖީދުގެ މޫނު ދެއްކުން އޮތީ މާދަމާ ހެނދުނު 10 އިން ފެށިގެން ލަންކާގެ ޖާވައްތަ މިސްކިތުގައެވެ. އަދި ކަށުނަމާދު އޮންނާނީ އެމިސްކިތުގައި މާދަމާގެ މެންދުރު ނަމާދަށްފަހުގައެވެ.