އެމްޑީޕީން ބާއްވާ ރިޔާސީ ޕްރައިމަރީއަށް ކުރިމަތި ލައްވާފައިވާ ކުރީގެ ރައީސް އަދި އެމްޑީޕީގެ ލީޑަރު މުހައްމަދު ނަޝީދު "ޖަޒީރާ ރައީސް"ގެ ނަމުގައި ކުރައްވަމުން ގެންދަވާ ކެމްޕެއިންގެ ދަށުން މިމަހުގެ 28 ވަނަ ދުވަހުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކަށް ކެމްޕެއިން ޓީމުތައް ދާނެ ކަމަށް ކެމްޕެއިން މެނޭޖަރ އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދުގެ ކެމްޕެއިން އޮފީހުގައި އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ ޕްރައިމަރީ ބާއްވާ ދުވަހުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކަށް ކެމްޕެއިން ޓީމްތައް ގޮސް ކެމްޕެއިން ހަރަކާތްތައް ހިންގުމަށް ނިންމާފައިވާ ކަމަށެވެ.
"މި ކެމްޕެއިން ވަރަށް ބާރަށް ކުރިއަށްދޭ. އެގޮތުން މިއަދާ ހަމައަށް ރާއްޖޭގެ 78 ސަރަހައްދެއްގައި ކެމްޕެއިން ހަރަކާތްތައް މިވަނީ ހިންގިފައި. އެގޮތުން 54 ސްކައިޕް ސެޝަންސް ހިންގިއްޖެ، އަދި ސީދާ 57 ރަށަކަށް ކެމްޕެއިން ޓީމުތަކުން ގޮސް ހަރަކާތްތައް ހިންގާފައިވޭ. މިހާތަނަށް ނުދެވިހުރި ރަށްތަކަށް މިހަފްތާގެ ތެރޭގައި ދަތުރުކޮށް، އެންމެ ލަސްވެގެން މިމަހުގެ 28 އަށް މުޅި ރާއްޖެ އެއްކޮށް ކަވަރކޮށް ނިންމާލެވޭތޯ މަސައްކަތް ކުރަމުން މިދަނީ،" އަސްލަމް ވިދާޅުވި އވެ.
މީގެ އިތުރުން އަސްލަމް ވިދާޅުވީ މިހަފްތާގައި ވެސް ރާއްޖޭގެ މެދުތެރޭގައި ބައެއް އަތޮޅުތަކުގެ ރަށްތަކަށް ކެމްޕެއިން ޓީމުތައް ދާނެ ކަމަށާއި އަދި ފުވައްމުލަކަށް މިހަފްތާގައި ދިއުމަށް ނިންމާފައިވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮތީ މިމަހުގެ 30 ވަނަ ދުވަހު އެވެ. ޕްރައިމަރީއަށް ކުރިމަތި ލައްވާފައިވަނީ ރައީސް ނަޝީދު އެކަންޏެވެ.