ޅ. އަތޮޅުގެ ބައެއް ރަށްތަކަށް ގުޑުމެއްގެ އަސަރުކޮށްގެން މޯލްޑިވްސް މީޓްރޮލޮޖިކަލް ސާވިސް (މެޓް)ގެ ސަމާލުކަމަށް އެކަން ގެނެސްފިއެވެ.
މި ގުޑުމުގެ އަސަރު ޅ. އަތޮޅުގެ ރަށްތަކަށް ކުރީ އަންގާރަ ދުވަހުގެ ހެނދުނު އިރު އެރި ވަގުތުގައެވެ. ބިންގަނޑު ގުޑުމުގެ އަސަރު ކުރި ރަށްތަކަކީ ޅ. ހިންނަވަރާއި ފެލިވަރާއި ކުރެއްދޫ ރިސޯޓާއި ހުރުވަޅި ރިސޯޓާއި ކޮމަންޑޫއެވެ.
ބިންގަނޑުގެ ލޮޅުންތައް ދިރާސާ ކުރާ މެޓް އޮފީހުގެ ސިސްމޯލޮޖިސްޓް އިބްރާހިމް އުމައިދު "ރާއްޖެއެމްވީ"އަށް ބުނީ ޅ. އަތޮޅުގެ ރަށްތަކަށް ބިންގަނޑު ގުޑުމުގެ އަސަރު ކޮށްގެން ރިޕޯޓު ކުރަމުންދާ ކަމަށެވެ. ގިނަ ބަޔަކު އެގޮތަށް ރިޕޯޓު ކުރަމުންދާތީ އެކަން ބަލަމުންދާ ކަމަށާއި މިހާތަނަށް ބެލި ބެލުމުން، ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް ބިން ހެލުމެއްގެ އަސަރު ކުރިކަން ސިސްޓަމްތަކުން ނުދައްކާ ކަމަށް އުމައިދު ވިދާޅުވިއެވެ.
ބިމަށް އަންނަ ލޮޅުންތަކާއި ބިންހެލުންތައް ދިރާސާ ކުރެވޭ ގޮތަށް ރާއްޖޭގައި ބަހައްޓާފައި ހުންނަނީ ދެ ސިސްޓަމެކެވެ. ސިސްމޯމީޓާގެ ނަން ދީފައިވާ އެ ދެ ސިސްޓަމް ބަހައްޓާފައި ވަނީ ރާއްޖޭގެ އުތުރާއި ދެކުނުގައެވެ. ހދ. ހަނިމާދޫ އާއި ގދ. ކާޑެއްދޫގައި އެ ސިސްޓަމްތައް ގާއިމުކޮށްފައިވިޔަސް، މެދުރާއްޖެ ތެރޭގައި އެފަދަ ސިސްޓަމެއް ގާއިމުކޮށްފައި ނުވާ ކަމަށް މެޓް އޮފީހުން ބުންޏެވެ.
އުމައިދު ވިދާޅުވީ ޅ. އަތޮޅަށް އަންގާރަ ދުވަހު އައި ކަމަށް ބުނާ ގުޑުމުގެ އަސަރު ދެނެގަތުމަށް އަވަށްޓެރި ސްރީލަންކާގެ ސިސްޓަމްތައް މެދުވެރިކޮށް ބެލިބެލުމުން ވެސް އެފަދަ ކަމެއް ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ. ނަމަވެސް މެޓު އޮފީހުން އެކަން ބަލައި، ވީ ގޮތް ދިރާސާ ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ހިންނަވަރު ކައުންސިލްގެ މެމްބަރު ފިރާޒު އިސްމާއިލް "ރާއްޖެއެމްވީ" އަށް ވިދާޅުވީ އެ ރަށުގެ ބިންގަނޑަށް ލޮޅުމެއްގެ އަސަރުކޮށްގެން އުޅޭ ކަމަށް ރަށުގެ ބައެއް މީހުން ބުނަމުންދާ ކަމަށެވެ. ބިންގަނޑު ގުޑުމުގެ އަސަރު ކުރި ވަގުތަކީ އިރުއެރި ވަގުތު ކަމަށްވުމުން، އެވަގުތު ގިނަ ބަޔަކު ތިބީ ނިދާފައި ކަމަށާއި އެކަމުގެ އަސަރު ކުރި މީހުން އޭނާއާ އެ ވާހަކަތައް ހިއްސާކޮށްފައިވާ ކަަމަށެވެ.
ފެލިވަރުން ރާއްޖެއެމްވީއާ ވާހަކަ ދެއްކި އަބްދުލް ހާދީ މުހައްމަދު ބުނީ އޭނާއަށް ހޭލެވުނީ ނިދާފައި އޮއްވާ ބިންގަނޑަށް ލޮޅުން އައި ކަމަށާއި ދޮރުފަތްތައް ވެސް ތެޅުނު ކަމަށެވެ. އެވަގުތު ކޮޓަރީގައި އޮތީ އޭނާ އެކަނި ކަމަށާއި ހެނދުނު ހޭލައިގެން ބޭރަށް ނުކުތް އިރު، އެކަމުގެ އަސަރުކޮށްގެން ބައެއް މީހުން އެ ވާހަކަތައް ދެއްކި ކަމަށް އޭނާ ބުންޏެވެ.