ރާއްޖޭގެ ހުރިހާ ސްކޫލެއް ޑިޖިޓަލް ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ޓެކްނޮލޮޖީގެ އެހީގައި ކިޔަވައިދިނުމަށް ބޭނުންވާ ޓެބްލެޓް ޓީޗަރުންނާއި ހަވާލުކުރަން ފަށައިފިއެވެ.
ޓެބްލެޓް ހަވާލުކުރުމަށް އިސްކަންދަރު ސްކޫލުގައި ހޯމަ ދުވަހު ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު އެރަސްމިއްޔާތުގައި އެސްކޫލުގެ ހުރިހާ ޓީޗަރުންނަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވަނީ ޓެބްލެޓް ހަވާލުކޮށްދެއްވާފައެވެ.
މިނިސްޓްރީން ބުނީ މިހަފުތާގެ ތެރޭގައި މާލޭގެ ހުރިހާ ސްކޫލުތަކުގެ ޓީޗަރުންނަށް ޓެބްލެޓް ފޯރުކޮށްދޭނެކަމަށެވެ.
ދެވަނަ ޓާމްގެ ކިޔެވުން ފެށޭއިރު ރާއްޖޭގެ ހުރިހާ ސްކޫލުތަކުގެ ދަރިވަރުންނާއި ޓީޗަރުންނަށް ޓެބްލެޓް ފޯރުކޮށްދެވޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. އެގޮތުން ތައުލީމީ ދާއިރާއަށް ގެންނަން އުޅޭ ބޮޑު އިންގިލާބަށް ޓީޗަރުން ތަމްރީނުކުރުމުގެ ގޮތުން ހާއްސަ ތަމްރީނު ޕްރޮގްރާމްތަކެއް ވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކުރިއަށް ގެންގޮސްފައެވެ.
ޓެބްލެޓް ހަވާލުކުރުމުގެ އެ ރަސްމިއްޔާތުގައި މިނިސްޓަރ ވިދާޅުވީ ޓެކްނޮލޮޖީގެ ގޮތުން އެހާ ކުރިއަރާފައި ވާ ޒަމާނެއްގައި، އޭގެ އެހީގައި ދަރިވަރުންނަށް އޭގެ މަންފާ ކުރާނެ ގޮތަށް ތައުލީމީ ދާއިރާއަށް އިންގިލާބީ ބަދަލު ގެނެސް، ކޮންމެ ދަރިވަރަކީ ކުރިއަށް އޮތް ޖީލަށް ފައްކާކުރެވިފައިވާ ދަރިވަރަކަށް ހެދުމަކީ ރައީސް ޔާމީންގެ އަމާޒު ކަމަށެވެ.
ސްކޫލުތައް ޑިޖިޓަލް ކުރުމުގެ މަޝްރޫއުގެ ދަށުން 70,000 އަށް ވުރެ ގިނަ ޓެބްލެޓް ގަތުމަށް މެކްސްކޮމް ޓެކްނޮލޮޖީއާ ހަވާލުކޮށްފައިވާއިރު އެތަކެތި ގަތުމަށް 200 މިލިއަނެއްހާ ރުފިޔާ ހަރަދުވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.