މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާންގެ މައްޗަށް ދައުލަތުން ދައުވާ ކުރާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުމެއް އަންގާރަ ދުވަހު ބޭއްވުމަށް ކުރިމިނަލް ކޯޓްގައި ތާވަލުކޮށްވިއެވެ.
މިމައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފައިވަނީ އަންގާރަ ދުވަހު 13:00 އަށެވެ.
މިމައްސަލާގައި މީގެ ކުރިން ދައުލަތުން ވަނީ ސިނާނާއި ދެކޮޅަށް ޖުމްލަ 32 ހެއްކެއް ހުށައަޅާފައެވެ. އޭގެ ތެރެއިން 16 ހެތްކެއްވަނީ ސިއްރު ކޮށްފައެވެ.
ސިނާންގެ މައްޗަށް ޓެރަރިޒަމްގެ ޢަމަލެއް ހިންގަން އުޅުނުކަމުގެ ދައުވާކުރާއިރު ދައުލަތުން ބުނެފައިވަނީ 2017 ވަނަ އަހަރުން ފެށިގެން އިތުރު ބަޔަކާއި ގުޅިގެން ސިނާން ޤާނޫނީ ސަރުކާރު ވައްޓާލަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. މަޖިލިސްގެ ތެރެއިން ސަރުކާރު ވައްޓާލުމަށް ސިނާން ރިޝްވަތު ހިއްޕަވާފައިވާ ކަމަށް ވެސް ދައުލަތުން ވަނީ ބުނެފައެވެ.
ސިނާންގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ސާބިތުވެއްޖެ ނަމަ 17 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެހުކުމް ސާބިތުވެއްޖެނަމަ ސިނާންގެ ގޮނޑި ގެއްލޭނެއެވެ.