އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުމު އަމުރު ނެރުމުގައި ހައްޔަރުކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އިރުޝާދު ދެމުންދިޔައީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ކަމަށާއި ފާރިސް ދެއްވާ އިރުޝާދު ފަނޑިޔާރުންނަށް ފޯރުކޮށްދިނުމުގައި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒު އުޅުއްވި ކަމަށް ދައުލަތުން ބުނެފި އެވެ.
އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުލަތުން ކުރާ ޓެރަރިޒަމް ދައުވާއާއި ގުޅިގެން ކްރިމިނަލް ކޯޓުގައި ހޯމަ ދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ދައުލަތުގެ ވަކީލާ ދައުވާ އިއްވަމުން ވިދާޅުވީ 2017 ވަނަ އަހަރުން ފެށިގެން ރިޔާޒް އިތުރު ބަޔަކާ ބައިވެރިވެގެން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލުމަށްޓަކައި މަސައްކަތް ކުރަމުން އައިސްފައިވާ ކަމަށެވެ. ގާނޫނު އަސާސީން ދައުލަތް ހިންގުމަށް ވަކިވަކި ބާރުތައް ލިބިދީ އުފައްދާފައިވާ މުއައްސަސާތަކުގެ ހިންގުމުގެ ނިޒާމުތަކަށް ބުރޫއަރައި، ގައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާ މަސްލަހަތުތަކެއް ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން އަމުރެއް ރިޔާޒު އާއި އިތުރު ބަޔަކާ ގުޅިގެން ނެރުވާފައިވާ ކަމަށް ވެސް ދައުލަތުން އިއްވި ދައުވާގައި ބުނެފައިވެ އެވެ.
ރިޔާޒްގެ މައްޗަށް މި ކުށް ސާބިތުވެއްޖެ ނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ދައުލަތުން ކޮށްފައިވާ އެދައުވާއިން މައިގަނޑު ތިން އަމަލެއް ރިޔާޒު ކޮށްފައިވާކަމަށް ބުނެފައިވެއެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރުމާއި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފް މެދުވެރިކޮށް، ފުލުހުންގެ ތެރެއިން ވަކި ބަޔަކު ނަގައި އިތުރު ފުލުހުންތަކާ ކުރިމަތިލުމަށް ދުރާލާއި ރާވާފައިވާ ކަމަށާއި އަދި އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ އެ އަމުރު ނެރުމުގައި ރިޔާޒު އާއި އިތުރު ބަޔަކާ ގުޅިގެން ނެރުވާފައިވާ އަމުރެއް ކަމަށް ކުރާ ތުހުމަތެވެ.
ދައުލަތުން ދައުވާ އިއްވުމުން ދައުވާ އެބުނާ ކަންކަން ކުރުމުގައި ރިޔާޒު ކޮށްފައިވާ ޓެރަރިޒަމް އަމަލަކީ ކޮބައިކަން ސާފު ނުވާކަމަށާއި ދައުވާ ސާފުކޮށްދިނުމަށް ރިޔާޒުއާއި އޭނާގެ ގާނޫނީ ވަކީލުން އެދުމުން، ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުގެ ގާނޫނީ ވަކީލާ ވިދާޅުވީ މިދިޔަ އަހަރުން ފެށިގެން ރިޔާޒު ދިޔައީ ގާނޫނީ ސަރުކާރު ވައްޓާލަން މަސައްކަތްކުރަމުން ކަމަށާއި އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދީގެން މަޖިލީހުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތްކުރި ކަމަށް ތަހްގީގަށް އެނގިފައިވާ ކަމަށެވެ. އަދި އެކަންކަން ކުރުމަށް ރިޔާޒު ކޮށްފައިވާ ކަންކަން ދައުލަތުން ހުށަހަޅާފައިވާ ހެކި ގަރީނާތަކުން އެނގިގެންދާނެ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.
ނަމަވެސް ދައުލަތުން ހުށަހެޅި ގިނަ ހެއްކާއި ގަރީނާތަށް ދައުލަތުން ހުށަހަޅަފައިވަނީ ސިއްރު ލިޔެކިޔުންތަކެއްގެ ގޮތުގަ އެވެ.
ސުޕްރީމް ކޯޓުން އެކެއް ފެބްރުއަރީގައި ނެރުނު އަމުރުގައި ރިޔާޒުގެ ބައިވެރިވުން އޮތް މިންވަރު ހާމަކުރައްވަމުން ދައުލަތުގެ ވަކީލުން ވިދާޅުވީ ފާރިސް އިރުޝާދު ދެއްވާގޮތަށް ސުޕްރީމް ކޯޓުން އަމުރު ނެރުމުގައި ފަނޑިޔާރުންނަށް އެ އިރުޝާދުތައް ފޯރުކޮށްދީފައިވަނީ ރިޔާޒު ކަމަށެވެ. އެކަން ފާރިސް ދިރިއުޅޭ އެޕާޓްމަންޓް ފުލުހުން ބަލާފާސްކުރިއިރު ފުލުހުން ހޯދާފައިވާ ފާރިސްގެ އަތުން ލިޔެފައިވާ ލިޔެކިޔުންތަކުން އެނގޭނެ ކަމަށެވެ.
ފުލުހުންގެ ބަންދުގައި ހުންނަތާ 10 މަހަށްވުރެ ގިނަ ދުވަސް ވެފައިވާ ފާރިސް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އިރުޝާދު ދިނުމުގެ މެސެޖުތަކުގެ އިތުރުން ސިޔާސީ ގޮތުން ކަންކަން ކުރަންވީ ގޮތުގެ އިރުޝާދުތައް ވެސް ރިޔާޒަށް ދެއްވަމުން ގެންދެވި ކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވި އެވެ.
ކުރީ ޕޮލިސް ކޮމިޝަނަރެއްގެ ގޮތުގައި އުޅުއްވި، ރިޔާޒު، ކުރީގެ ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އަހުމަދު އަރީފް މެދުވެރިކޮށް، ސުޕްރީމް ކޯޓުގެ އަމުރާއެކު ކަންކަން ކުރަންވީގޮތް ރާވައި، ފުލުހުންނަށް ނުފޫޒު ފޯރުވާފައިވާ ކަމަށްވެސް ދައުލަތުން ތުހުމަތު ކޮށްފައި ވެއެވެ.
ދައުވާއަށް ޖަވާބުދާރީވަމުން ރިޔާޒު ވިދާޅުވީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އިންކާރު ކުރައްވާ ކަމަށެވެ. މީގެއިތުރުން ރިޔާޒު ވިދާޅުވީ އޭނާއަކީ ވަކި މީހެއްގެ އިރުޝާދަށް އަމަލުކުރާ މީހެއް ނޫން ކަމަށާއި ފާރިސް އޭނާއަށް ކަންކަން ކުރަންވާ ގޮތުގެ އިރުޝާދު އެއްވެސް އިރެއްގައި ދެއްވާފައި ނުވާ ކަމަށެވެ. އަދި ފާރިސް އޭނާއަށް އިރުޝާދު ދޭން ޖެހޭ އެއްވެސް ހައިސިއްޔަތެއް ނޯންނާނެ ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.
ދައުވާއަށް ރިޔާޒު އިންކާރު ކުރެއްވުމުން ދައުލަތުން ވަނީ ރިޔާޒުގެ މައްޗަށް ކުށް ސާބިތު ކުރުމަށް 33 ހެކި، ގަރީނާ ހުށަހަޅާފަ އެވެ. ހޯމަ ދުވަހުގެ އަޑުއެހުން ނިންމާލައްވަމުން މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ވަނީ ދިފާއީ ގޮތުން ހުށަހަޅަން ބޭނުންވާ ހެކީންނާއި ޝަރީއަތަށް ހުށަހަޅަން ބޭނުންވާ އެންމެހާ ލިޔެކިޔުންތައް މިމަހުގެ 24 ވަނަ ދުވަހުގެ 12:00ގެ ކުރިން ކޯޓަށް ހުށަހެޅުމަށް އަންގާފަ އެވެ.