ފުލުހަކަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ޖުމްހޫރީ ޕާޓީގެ އަންހެނުން ލީގުގެ ރައީސާ އަދި ކުރީގެ ފިލްމީތަރި، ވަލީދާ ވަލީދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުން ބާއްވަން ނިންމި ދުވަހަށް ވުރެ ކުރިން، ޝަރީއަތް ފަށަން އުޅެފި އެވެ.
ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރުގައި ބުނެފައިވާ ގޮތުން ވަލީދާ ކޯޓަށް ހާޒިރުވާން ޖެހޭނީ ބުދަ ދުވަހުގެ މެންދުރު ފަހު 1:00ގަ އެވެ. ނަމަވެސް އަޑުއެހުން ބާއްވަން އޮތް ދުވަހަށް ވުރެ ތިން ދުވަސް ކުރިން، މިދިޔަ އާދީއްތަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ވަލީދާގެ މައްސަލަ ޝެޑިއުލްކޮށްފަ އެވެ. އާދީއްތަ ދުވަހުގެ މެންދުރުފަހު 1:00ގައި ބޭއްވުމަށް ނިންމި އެ ޝަރީއަތް ކެންސަލް ކުރުމަށް ފަހު، ކްރިމިނަލް ކޯޓުން ބުނީ ވަލީދާ ކޯޓަށް ހާޒިރުވެފައި ނުވާ ކަމަށެވެ.
އެކަމާ ގުޅޭ ގޮތުން ވަލީދާއަށް "ރާއްޖެއެމްވީ"އިން ގުޅުމުން އޭނާ ވިދާޅުވީ އޭނާއަށް ފޮނުވާފައިވާ ޗިޓުގައި އޮތީ ބުދަ ދުވަހު ކޯޓަށް ހާޒިރުވުމަށް ކަމަށާއި އާދީއްތަ ދުވަހު ކޯޓަށް ހާޒިރު ނުވެގެން އެ ކޯޓުން އޭނާއަށް ގުޅާފައި ވެސް ނުވާ ކަމަށެވެ.
ވަލީދާއަށް ފޮނުވި ޗިޓުގައިވާ ދުވަހަށް ވުރެ ކުރިން ޝަރީއަތް ފަށަން އުޅުނީ ކީއްވެގެން ކަމެއް ކްރިމިނަލް ކޯޓަކުން ނުބުންޏެވެ.
ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ދައުވާ ވަލީދާގެ މައްޗަށް އުފުލީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލައި މާލޭގައި ކުރި މުޒާހަރާއެއްގައި ފުލުހަކަށް ހުރަސް އެޅި ކަމަށް ބުނެއެވެ. އެ މުޒާހަރާތަކުގައި ވަލީދާ ވަނީ އެކި ފަހަރުމަތިން ހައްޔަރު ކޮށްފައެވެ. އަދި ހާލަތާ ނުބައްދަލު ބާރު ފުލުހުން ބޭނުން ކުރުމުގެ ސަބަބުން، ވަލީދާއަށް އަނިޔާވެ، ހޮސްޕިޓަލުގައި ފަރުވާ ވެސް ދޭންޖެހުނެވެ.