ރޯގާ ޖެހިގެން ފަރުވާ ހޯދުމަށް އަންނަ ބަލިމީހުންގެ އަދަދު އިތުރުވާތީ ކޮންމެހެން ލާޒިމްވެގެން މެނުވީ ހޮސްޕިޓަލަށް ޒިޔާރަތް ނުކުރުމަށް އައިޖީއެމްއެޗުން އިލްތިމާސް ކޮށްފިއެވެ.
އައިޖީއެމްއެޗުން ނެރުނު އިއުލާނެއްގައި ބުނީ ރޯގާޖެހިގެން ފަރުވާ ހޯދާ މީހުން ނިސްބަތުން ގިނަ ކަމަށެވެ. އެހެންކަމުން ކޮންމެހެން އަންނަން ޖެހިގެން މެނުވީ ހޮސްޕިޓަލަށް ޒިޔާރަތް ނުކުރުމަށް އެދޭ ކަމަށް އައިޖީއެމްއެޗްގެ އިއުލާނުގައި ބުނެފައިވެއެވެ. އަދި ޚާއްސަކޮށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ ބޭފުޅުން ފަރުވާ ހޯއްދެވުމަށް ނޫން ބޭނުންތަކަށް ހޮސްޕިޓަލަށް ޒިޔާރަތް ނުކުރެއްވުމަށް ވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.
ހުން އައިސްގެން ޑޮކްޓަރަށް ދައްކާ މީހުން އިތުރުވަމުންދާތީވެ، އޭޑީކޭ ހޮސްޕިޓަލުން މިހާރު ވަނީ "ހުން ކްލިނިކެއް" ވެސް ވަނީ ހުޅުވާފައެވެ.
އޭޭޭޑީކޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން މި މަހުގެ 15 ވަނަ ދުވަހު އެކަނިވެސް ހުން އައިސްގެން 115 މީހަކު ޑޮކްޓަރައް ދައްކާފައިވާއިރު، މި މަހުގެ 16 ވަނަ ދުވަހު 98 މީހަކު ވަނީ ޑޮކްޓަރަށް ދައްކައި ފަރުވާ ހޯދާފަ އެވެ.
މި ދުވަސްވަރަކީ އާންމުކޮށްވެސް ރާއްޖޭގައި "ހުން" އިތުރުވާ ދުވަސްވަރެކެވެ. އޭގެއިތުރުން ޑެންގީ ހުން ފެތުރެމުންދާތީ އެ ބައްޔާއިމެދު ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީންވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ. އެޗްޕީއޭއިން ނެރުނު ނޫސްބަޔާނެއްގައި އެ އޭޖެންސީއިން ބުނީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރާ މިންވަރު އިތުރުވެފައިވާ ކަމަށެވެ.