ގދ ތިނަދޫގައި ތާރުއަޅާފައިވާ މަގުތަކުގައި ފެން ހިންދާ ނިޒާމެއް ގާއިމްކޮށްފައިނުވާތީ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މެންބަރު އަބްދުﷲ ވިދާޅުވީ ތިނަދޫ ތާރުއެޅި މަގުތަކުގައި ފެން ހިންދުމުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފައިވާ ކަމަށާއި، އަމަލީ މަސައްކަތް ނުފަށާތާ އެތަކެއް ދުވަހެއް ފާއިތުވެގެން ގޮސްފައިވާ ކަމަށެވެ.
މިމައްސަލައަށް އަވަސް ހަލެއް ބޭނުންވާކަން ފާހަގަކުރައްވާ މެންބަރު އަބްދުﷲ ވިދާޅުވީ ވާރޭ ވެހޭއިރަށް ތާރުއެޅި މަގުތައް ފެންބޮޑުވެ އެކަމުގެ ތަކުލީފު ރައްޔިތުންނަށް އުފުލަންޖެހޭ ކަމަށެވެ. ރައްޔިތުންގެ ޝަކުވާ ބޮޑުވެފައިވާ ބޮޑު މައްސަލައެއް ކަމަށް މެންބަރު އަބްދުﷲ ވިދާޅުވިއެވެ.
ހޮނިހިރު ދުވަހުގެ ރޭ ކުރި ވިއްސާރާގައި ގދ. ތިނަދޫގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމާއި ގުޅިގެން ފުލުހުން ވަނީ ފެން ހިއްކުމުގެ މަސައްކަތް ކޮށްފައެވެ.
ގދ ތިނަދޫގެ 18 މަގެއް ތާރުއަޅައި ތަރައްގީކުރީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއާ ސިއެރާ ކުންފުނިންނެވެ. މިމަޝްރޫއަށް 80 މިލިއަން ރުފިޔާ ހޭދަވެފައިވާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.