މުޒާހަރާގެ ބައިވެރިންނަށް މާކްސްތަކެއް ބެހި މައްސަލައިގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފުގެ މައްޗަށް އުފުލާފައިވާ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާގެ އަޑުއެހުމެއް ކެންސަލްކޮށްފިއެވެ.
އާދިޢްތަ ދުވަހުގެ މެންދުރުފަހު 1:00ގައި ބޭއްވުމަށް ތާވަލްކުރި އެ އަޑުއެހުން ކެންސަލްކުރި ސަބަބެއް ކްރިމިނަލް ކޯޓަކުން ނުބުނެއެވެ. އާދީއްތަ ދުވަހު ބާއްވަން އޮތީ، އެ މައްސަލައިގެ އިބްތިދާއީ ދެ ވަނަ އަޑުއެހުމެވެ.
މި މަހުގެ ތިން ވަނަ ދުވަހު ބޭއްވި އެ މައްސަލައިގެ ފުރަތަމަ އަޑު އެހުމުގައި މަހްލޫފް ވިދާޅުވީ ހާލަތާ ނުބައްދަލު ބާރުގެ ފުލުހުން ބޭނުންކޮށް ގިނަ އަދަދަކަށް ޕެޕަރ ސުޕްރޭ ޖަހާކަން އެއީ ފެންނަން އޮތް ހަގީގަތެއް ކަމަށާއި އެކަން އެޗްއާރްސީއެމުން ނެރުނު ރިޕޯޓްގައި ވެސް ފާހަގަކޮށްފައިވާ ކަމަށެވެ. އެހެންކަމުން ދެން ވެސް މާސްކް ބަހާނެ ކަމަށް މަހްލޫފް ވިދާޅުވެފައިވެ އެވެ.
މަހުލޫފުގެ މައްޗަށް އުފުލި ދައުވާގައި ބުނެފައި ވަނީ ފެބްރުއަރީ 22 ވަނަ ދުވަހުގެ ރޭ 22:40 ހާއިރު، ޓްރެފިކަށް އުނދަގޫ ވާގޮތަށް މަގުމަތީގައި އެއްވެ، މަހުލޫފު މާސްކު ބަހަމުން ދަނިކޮށް، އެ ސަރަހައްދު ދޫކޮށް ދިއުމަށް ފުލުހުން އެންގުމުން ވެސް އެތަނުން ގޮސްފައި ނުވާ ކަމަށެވެ. އެހެންވެ އެ ރޭ އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ދައުލަތުގެ ވަކީލުން ކޯޓުގައި ބުނެފައިވެއެވެ.
ރައްދުގައި މަހްލޫފް ވިދާޅުވެފައި ވަނީ އޭނާ ޓްރެފިކަށް އުނދަގޫވާ ގޮތަށް އެ ސަރަހައްދުގައި މުޒާހަރާކޮށްފައި ނުވާނެ ކަމަށާއި އޭނާ ހައްޔަރުކޮށްފައި ވަނީ ވެސް އެމްޑީޕީގެ ހަރުގެ ތެރޭގައި ހުއްޓާ ކަމަށެވެ. އެ ސަރަހައްދަށް ދިޔައީ ކާރުގައި ކަމަށާއި 10 ވަރަކަށް ފޫޓު ދުރުގައި ކާރު މަޑުކޮށްފައި މަގުމަތީ މަޑުނުކޮށް، ވަނީ އެމްޑީޕީގެ ހަރުގެއަށް ކަމަށާއި މާސްކު ބެހީ ވެސް ހަރުގޭގައި ހުރެގެން ކަމަށް މަހްލޫފް ވިދާޅުވެފައިވެއެވެ. ފުލުހުން އޭނާ ހައްޔަރު ކޮށްފައި ވަނީ ވެސް އޭނާ އެތަނަށް ދިޔަތާ މާގިނަ އިރުތަކެއް ނުވަނީސް ކަމަށް ވެސް މަހްލޫފް ވިދާޅުވެފައިވެ އެވެ.
މީގެ އިތުރުން މަހްލޫފް ވިދާޅުވީ އޭނާ ހައްޔަރު ކުރުމުގެ ކުރިން އެތަނަށް ދިޔަ މަގުމަތީގައި އޭނާ ހައްޔަރު ކުރަން އުޅޭ ކަމުގެ މައުލޫމާތު ވެސް ލިބުނު ކަމަށާއި މިއީ ގުޅިފައިވާ ސިޔާސީ ޕާޓީތަކާއެކު ހިންގާ ހަރަކާތްތަކާއި ސިޔާސީ އެއްވުންތަކުގައި އިސް ދައުރެއް އަދާކުރަމުންދާތީ ބަޔަކު ރާވައިގެން ހިންގާ ކަމެއް ކަމަށް މަހުލޫފު ވިދާޅުވެފައިވެއެވެ.