ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމުގެ ދައުވާގެ އިބްތިދާއީ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފި އެވެ.
ސިޔާދުގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައިވަނީ އާދިއްތަ ދުވަހުގެ 12:00 އަށެވެ.
މި މައްސަލާގައި މިދިއަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު އިބްތިދާއީ އަޑުއެހުމެއް ބާއްވާފައިވެއެވެ. އެ އަޑުއެހުމުގައި ޝަރީއަތް ކުރުމަށް އެންމެ ފުރަތަމަ ހަމަ ޖެއްސެވި ގާޒީ ބަދަލު ކޮށްފައިވާ ސަބަބު އޮޅުފިލުވާ ދިނުމަށް ފަހު ނޫނީ އިބްތިދާއީ އަޑުއެހުންތައް ނުފެށުމަށް އެ މައްސަލަ މިހާރު ބައްލަވާ ގާޒީ ވަނީ ނިންމަވާފައެވެ. ގާޒީ އެގޮތަށް ނިންމެވީ ސިޔާދުގެ ގާނޫނީ ވަކީލުން އިޖުރާއީ ގޮތުން އެކަން ފާހަގަ ކުރެއްވުމުންނެވެ.
ސިޔާދުގެ މައްޗަށް އުފުލައިފައިވާ ރިޝްވަތު ދިނުމުގެ ދައުވާއާ ގުޅިގެން އެ މައްސަލަ ކްރިމިނަލް ކޯޓުން ބެލުމަށް އެންމެ ފުރަތަމަ އެ ކޯޓު ހިންގެވުމާ ހަވާލުވެ ހުންނެވި އާދަމް އާރިފު ހަވާލު ކުރެއްވީ ގާޒީ ހުސައިން ޝަހީދުއަށެވެ. ނަމަވެސް މައްސަލަ ފަހުން ވަނީ ގާޒީ އަހުމަދު ހައިލަމާ ހަވާލު ކުރައްވާފައެވެ.