ލ. މާބައިދޫގައި ހުންނަ ފެނަކަ އޮފީހުން ލައްކައަކަށްވުރެ ގިނަ ފައިސާ ވަގަށްނެގި މައްސަލާގައި 6 މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ހޯމަ ދުވަހުގެ ރޭ ކުރި އެ ވައްކަމާއި ގުޅިގެން ފުލުހުން ވަނީ އަންގާރަ ދުވަހު އުމުރުން 25، 32، އަދި 43 އަހަރުގެ ބަޔަކު ހައްޔަރު ކޮށްފައެވެ. އަދި ކޯޓުން ވަނީ އެމީހުންނަށް ފަސް ދުވަހުގެ މުއްދަތެއް ޖަހާދީފައެވެ. އެއާއެކު ހަމަ އެދުވަހު ވަނީ 24 އަހަރުގެ ފިރިހެނަކުވެސް ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދުގެ މުއްދަތަކަށް ކޯޓުން ޖަހާ ދިފައި ވަނީ 3 ދުވަހެވެ.
މީގެ އިތުރުން 31 އަހަރުގެ މީހަކުވެސް މިމައްސަލައިގައި ހައްޔަރުކޮށް ބަންދަށް ހަފްތާއެއް ޖަހާފައިވެއެވެ.
އަދި ބުރާސްފަތި ދުވަހު މިމައްސަލައިގައި އެއަތޮޅު މުންޑޫއިން 35 އަހަރުގެ މީހަކު ހައްޔަރުކޮށް،. ކޯޓުން އޭނާގެ ބަންދަށް 3 ދުވަސް ޖަހާފައިވެއެވެ.
ބުރާސްފަތި ދުވަހު ހައްޔަރު ކުރި މީހާ ފިޔަވާ ދެން ތިބި ހުރިހާ އެންމެންވެސް ހައްޔަރު ކުރެވިފައި ވަނީ މާބައިދޫއިންނެވެ. ހައްޔަރު ކޮށްފައި ތިބި އެންމެންނަށް މުއްދަތު ޖަހައި ދީފައި ވަނީ ލ. ފުނަދޫ ކޯޓުންނެވެ.
މާބައިދޫ ފެނަކަ އޮފީހުން ވައްކަން ކުރި ކަމަށް ބެލެވޭ 6 މީހުން ހައްޔަރު ކޮށްފައިވާއިރު މި ހަފްތާގައި ގއ. ކޮލަމާފުށި ކައުންސިލްގެ ތިޖޫރީ ފަޅާލާ މުވައްޒަފުންގެ ރޯދަ އިނާޔާތް ވަގަށްނެގި މައްސަލާގައި ވެސް ވަނީ މީހަކު ހައްޔަރުކޮށްފައެވެ.