ދެހާސްފަނަރަ ވަނަ އަހަރު ބޭއްވި މޭޑޭގެ މުޒާހަރާއާ ގުޅިގެން ހައްޔަރުކުރި ގ.ފެރެސްލައިޓް، އިބްރާހިމް ރަޝީދުގެ ސިއްޙީ ހާލު ގޯސްކަމުގެ މައުލޫމާތު ލިބިފައިވާކަމަށް އޭނާގެ ވަކީލު ނާޒިމް އަބުދުއްސައްތާރު ވިދާޅުވެއްޖެ އެވެ.
ނާޒިމް ވިދާޅުވީ މުޅި ހަށިގަނޑު ފާރުވެފައި ހުރި، ބަލާލަން ދަތި ފޮޓޯތަކެއް ފެނިވަޑައިގެންފައިވާ ކަމަށެވެ. އިބްރާހިމް ރަޝީދަށް ދިމާވެފައިވަނީ ސިއްހީ ކޮން މައްސަލައެއްކަން އަދި އެނގިވަޑައި ނުގަންނަވާ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
އިބްރާހިމް ރަޝީދުގެ މައްޗައް ދައުވާ އުފުލާފައިވަނީ މޭޑޭގެ މުޒާހަރާގައި ފުލުހަކު ވައްޓާލައި އަނިޔާކުރިކަމަށް ބުނެއެވެ. މިއަދުވާ އޭނާގެ މައްޗައް ސާބިތުވާ ކަމަށް ނިންމާ 7 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރީ 7 އޮގަސްޓް 2016 ގައެވެ.
އިބްރާހިމް ރަޝީދުގެ ހާލަތާއި ބެހޭ ގޮތުން މޯލްޑިވުސް ކަރެކްޝަނަލް ސާވިސްގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.
މޭޑޭގެ މުޒާހަރާއާ ގުޅިގެން ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް ގ. ކީމާ، އަބްދުﷲ ރަޝީދު ވެސް މަރުވީ ޖަލުގައި ލިބެންޖެހޭ ސިއްހީ ފަރުވާ ދިނުން ލަސްކުރުމުން ކަމަށާއި، ކަރެކްޝަންސްގެ އިހްމާލުން ކަމަށް އޭނާގެ އައިލާއިން ވަނީ ބުނެފައެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި މާފުށީ ޖަލުގައި ތިބި ގައިދީންނަށް އެކަށީގެންވާ ބޭސްފަރުވާގެ ފުރުސަތު ނުދޭ ކަމަށް ބުނެ ސިޔާސީ އިދިކޮޅު ފަރާތްކުންނާއި އާންމުންދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.