މާލޭގެ އިރުމަތީ ފަރާތުގައި އޮންނަ އާރޓިފިޝަލް ބީޗް ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް 13 މިލިއަން ރުފިޔާއަށް އެމްޓީސީސީ އާ ހަވާލުކޮށްފިއެވެ.
އާރޓިފިޝަލް ބީޗް ތަރައްގީ ކުރުމުގެ އެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ. އެމްޓީސިސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިބްރާހިމް ޒިޔަތެވެ.
ހައުސިން މިނިސްޓްރީން ބުނި ގޮތުގައި އާރޓިފިޝަލް ބީޗް ތަރައްގީ ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 13.7 މިލިއަން ރުފިޔާ އަށެވެ. އަދި މި މަޝްރޫއު ފަސް މަސް ދުވަހުގެ ތެރޭގައި ނިންމަންޖެހޭ ކަމަށްވެސް އެ އެއްބަސްވުމުގައި ވެއެވެ.
ހައުސިންގ މިނިސްޓްރީން ބުނިގޮތުގައި އެ މަޝްރޫއަކީ ސަރުކާރުގެ ބަޖެޓުން 10 މިލިއަން ރުފިޔާ އަދި އެމްޓީސީސީގެ ސީއެސްއާރު ޕްރޮޖެކްޓުގެ ދަށުން ތިން މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރުމަށް ރާވާފައިވާ މަޝްރޫއެކެވެ.
އެ މަޝްރޫއުގެ ދަށުން އާޓިފިޝަލް ބީޗް ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީކޮށް ނިމޭއިރު، އެ ސަރަހައްދުގައި އައުޓް ޑޯ ޖިމަކާއި ފެންވަރަން ބޭނުންވާ ވަސީލަތްތަކާއި ކެފޭތައް ވެސް ހުންނާނެ ކަމަށް ވެއެވެ.