ދ. މީދޫގައި ކަރަންޓްގެ މައްސަލަ ބޮޑުވެ، ރައްޔިތުންނަށް ދަތި އުނދަގޫތަކާ ކުރިމަތިވެއްޖެ އެވެ.
ދ. މީދޫ ކައުންސިލް ރައީސް އިޔާސް އިސްމާއީލް ލަތީފް ރާއްޖެއެމްވީއަށް ވިދާޅުވީ އެރަށަށް ކަރަންޓް ކެނޑެމުންދާތާ ދުވަސްކޮޅެއް ވެއްޖެ ކަމަށާއި ނަމަވެސް އަންގާރަ ދުވަހުން ފެށިގެން ކަރަންޓް ކެނޑޭ މައްސަލަ ވަރަށް ބޮޑު ވެއްޖެ ކަމަށެވެ.
އިޔާސް ވިދާޅުވީ ކަރަންޓްގެ މައްސަލަތައް ދިމާވެފައިވަނީ އެރަށުގެ އިންޖީނުގޭގައި ހުރި ޖަނަރޭޓަރު ހަލާކުވެގެން މަރާމާތު ކުރަމުންދާތީ ކަމަށެވެ. އަދި ކުޑަ ޖަނަރޭޓަރަކުން މުޅި ރަށަށް ކަރަންޓް ފޯރުކޮށް ނުދެވޭތީ ދިމާވެގެންއުޅޭ މައްސަލައެއް ކަަށާއި އެވަރުގެ "ކެޕޭސިޓީ" ނެތީ ކަމަށް އިޔާސް ވިދާޅުވި އެވެ.
އިޔާސް ވިދާޅުވީ ކަރަންޓް ކެނޑެމުންދާތީ ރައްޔިތުންގެ ޝަކުވާ ބޮޑުވެފައިވާ ކަމަށާއި ހާއްސަކޮށް ރޯދަ މަހާ ދިމާކޮށް ކަރަންޓްގެ މައްސަލަ ދިމާވުމުން ރައްޔިތުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ.
ކަރަންޓްގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނަމުންދާ ކަމަށް ވެސް އިޔާސް ވިދާޅުވި އެވެ.
ދ. މީދޫގެ އާބާދީއަކީ 1410 އެވެ. ނަމަވެސް ރަށުގައި މިވަގުތު ދިރުއުޅެނީ 1000 ވަރަކަށް މީހުންނެވެ.