ރައްޔިތުންގެ ހައްޤުތައް ގެއްލިގެންދަނީ މުއައްސަސާތަކުން އަމަލުކުރާ ގޮތުގެ ސަބަބުންކަމަށް އަދާލަތު ޕާޓީގެ މީޑިއާ ކޮމިޓީގެ މުގައްރިރު އަލީ ނަޒީރު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ 'ބޮޑު ސުވާލު' ޕްރޮގްރާމްގައި އަންގާރަ ދުވަހުގެރޭ ވާހަކަ ދައްކަވަމުން ނަޒީރު ވިދާޅުވީ ފަނޑިޔާރުގޭ ތެރެއިންނާއި، ފުލުހުންގެ ތަހުޤީގު މަރުހަލާގައިވެސް، ދައުވާ އުފުލުމުގެ މަރުހަލާގައި ޕްރޮސެކިއުޓަރ ޖެނެރަލް އަމަލުކުރައްވާ ގޮތުންނާއި، އަދި ބަންދުކޮށްފައި ތިބޭ މީހުން ބެލެހެއްޓުމުގައި ޖަލު ބަލަަހައްޓަން ތިބޭ މީހުން އަމަލުކުރާ ގޮތުން ހައްޔަރުކުރެވޭ ފަރާތްތަކުގެ ހައްޤުތައް ގެއްލިގެންދާ ވާހަކަ ދައްކަން ޖެހުމުން މައްސަލައިގެން ފުންކަން ގެއްލޭކަމަށެވެ.
"މުއައްސަސާތަކުން ރައްޔިތުން ހައްޤުތައް މިފޭރިގަންނަނީ ކިހާ ވަރަކަށްތޯ، އެއީ އަޅުގަނޑުމެން ވާހަކަ ދައްކަން ޖެހޭ ހިސާބަކީ ހަޤީގަތުގައި. މިހާރު މިއީ އާއްމު ޙާލަތުގައި މީހެއްގެ ހައްޤެއް ގެއްލިގެން ހިއުމަން ރައިޓްސް ކޮމިޝަނުން ނުވަތަ ފަނޑިޔާރުގެއިން ނުވަތަ ފުލުހުންގެ ތެރެއިން އެމައްސަލަ ތަހުޤީގުކުރާ ހިސާބަށްވުރެ މާ ފުނުގައި މިކަން މިއޮތީ،" ނަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް މިފެންނަނީ މިމުއައްސަސާތަކުން ނިކުމެ ސީދާ އެތައް ބައެއްގެ ހައްޤުތައް ފޭރިގަންނަ ތަން."
ނަޒީރު ވިދާޅުވީ މުއައްސަސާތަކުގެ އަނިޔާވެރިކަމުގެ ޝިކާރަޔަކަށްވަނީ އެއަނިޔާވެރިކަން އަމާޒުވާ ފަރާތް އެކަނި ނޫންކަމަށެވެ. މުއައްސަސާތަކުގެ އަނިޔާވެރިކަމުގެ ޝިކާރަޔަކަށް ވެެގެންދަނީ އެއާއިލާތަކަށް ނިސްބަތްވާ ތުއްތު ކުދިންނާއި، މުސްކުޅި މައިންބަފައިންނާއި އަނބިދަރިންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މުއައްސަސާތަކުގެ އަނިޔާވެރިކަމަކީ މުޅި މުޖްތަމަށް ފެތުރެމުންދާ ބޮޑު ނުރައްކަލެއްގެ ގޮތުގައި ސިފަކުރައްވަމުން ނަޒީރު ވިދާޅުވީ އެކަމަށް ނިމުމެއް ގެންނަން ޖެހޭކަމަށެވެ.
"ސީދާ ރައީސް ޔާމީންގެ އަމުރަށް މި އަނިޔާވެރި އަމަލުތައް ހިންގަމުންދާ ފަރާތްތަކުން މިއަދު ކުރަން ޖެހޭ ސުވާލެއް އެބައޮތް އެމީހުންގެ އަމިއްލަ ނަފްސާއި. މިރާއްޖޭގައި މިވޭތުވެދިޔަ ގާތްގަނޑަކަށް ތިން ހަތަރު އަހަރުގެ ތެރޭގައި ކަންކަން ހިނގާފައި ހުރި ގޮތުން އަބްދުﷲ ޔާމީންގެ އަމުރަށް އެކަންކަން ތަންފީޒުކުރާ މީހުން ގޮއްސަ ނިމިގެންދަނީ ކިހިނެއްތޯ،" އަލީ ނަޒީރު ވިދާޅުވިއެވެ.
އެގޮތުން ފަނޑިޔާރުންގެ ބެންޗުގައި ތިއްބަވާ ބޭފުޅުންނާއި، ފުލުހުންގެ ތަހުޤީގުގައި ހިތުހުރި ގޮތަކަށް ކަންތައް ކުރައްވާ ބޭފުޅުންނާއި ޕީޖީ އޮފީހުން ދައުވާ އުފުއްލަވަން ތިއްބަވާ ފަރާތްތަކުންވެސް، މީގެ ކުރިން އެގޮތަށް އެކަންކަން ކުރަމުން އައި ފަރާތްތައް މިހާރު ތިބި ޙާލަތު ވިސްނަން ޖެހޭކަމަށް ނަޒީރު ފާހަގަކުރެއްވިއެވެ. އަދި އަމިއްލަ ނަފްސަށް ވިސްނާލުމަށްފަހުވެސް ރައީސް ޔާމީންގެ އަމުރަށް ރައްޔިތުންނަށް ކުރާ އަނިޔާ ހުއްޓާލަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ނޫންކަމަށްވާނަމަ އަނިޔާގެ އަތް އައިސް އަމިއްލަ ހައްޓާއި ހަމައަށް ފޯރާކަމަށް އޭނާ ވިދާޅުވިއެވެ.