އެސެޓް ރިކަވަރީ ކޮމިޝަނުން ބަލަމުންދާ އަދި ބަލާ ނިމިފައިވާ މައްސަލަތަކުން ދައުލަތަށް 29 ބިލިއަން އަށްވުރެ ގިނަ ރުފިޔާ ލިބެން ޖެހޭ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އަންގާރަ ދުވަހު އެ ކޮމިޝަންގެ ފަރާތުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައ ވާހަކަ ދައްކަވަމުން ކޮމިޝަނުގެ ޗެއާރ އަދި ހޯމް މިނިސްޓަރ އަހުމަދު އަޒްލީން ވިދާޅުވީ ދައުލަތަށް ގެއްލިފައިވާ ފައިސާތަކުގެ ތެރެއިން އެއްބައި ލިބިފައިވާ ކަމަށާއި އަނެއްބައި ފައިސާ ހޯދުމުގެ މަރުހަލާތައް ކުރިއަށްދާ ކަމަށެވެ. އަދި އެ ފައިސާ ލިބުން ބިނާ ވެފައިވަނީ ކޯޓުތަކުން ނިންމާ ހުކުމްތަކަށް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
"ވޭތުވެދިޔަ 10 ވަރަކަށް މަހުގެ މަސައްކަތުން ވަރަށް ގިނަ މައްސަލަ ތަކެއް މިހާރު މި ވަނީ ބަލާ ނިމިފައި. އަދި އެ މައްސަލަތަކާ ގުޅުން ހުރި ފަރާތް ތަކުން ހޯދަން ޖެހޭ އިތުރު މައުލޫމާތުތައް ހޯދާ އެންޓި ކޮރަޕްޝަން ކޮމިޝަނުން މި ވަނީ މައްސަލަތައް ނިންމާފައި" އަޒްލީން ވިދާޅުވިއެވެ.
އަޒްލީން އިތުރަށް ވިދާޅުވީ އެ ކޮމިޝަނުން ކުރަމުން ގެންދާ މަސައްކަތް ތަކަކީ ސިޔާސީ މަސައްކަތެއް ނޫން ކަމަށާއި ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ އަމާޒަކީ އެ ފައިސާ ހޯދައި ދިނުން ކަމަށެވެ. އަދި އެސެޓް ރިކަވަރީ ކޮމިޝަންގެ މަސްއޫލިއްޔަތަކީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ދިމާވެފައި ހުރި ގޮންޖެހުން ތަކުގެ ތެރެއިން އެ ކޮމިޝަނަށް އެހީތެރިވެ ދިނުން ކަމަށެވެ.
"މިގޮތުން ބަލާ ނިމިފައިވާ މައްސަލަތަކުގެ ޖުމްލަ އަދަދަކީ ތިން ބިލިއަން އަށް ސަތޭކަ ފަންސާސް މިލިއަން ހަތް ސަތޭކަ އެގާރަ ހާސް ދުއިސައްތަ ހަތްދިހަ ދެ ރުފިޔާ ދިހަ ލާރި. އަދި މިހާރު ބަލަމުންދާ މައްސަލަތަކުގެ ޖުމްލަ އަދަދަކީ ފަންސަވީސް ބިލިއަން އަށް ސަތޭކަ އަށްޑިހަ ހަތަރު މިލިއަން ފައްސަތޭކަ އެކާވީސް ހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ހަތަރު ރުފިޔާ ނުވަދިހަ ހަ ލާރި" އަޒްލީން ވިދާޅުވިއެވެ.
މި އަހަރުގެ ޖުލައި މަހު އެ ކޮމިޝަންގެ މުއްދަތު ހަމަވާނެ ކަމަށް ކުރިން ރައީސް ޔާމީން ނިންމަވާފައިވީ ނަމަވެސް ނޮވެމްބަރު މަހާއި ހަމައަށް ކޮމިޝަނުގެ މުއްދަތު ވަނީ އިތުރު ކޮށްފައެވެ.